20 Jan 2014, 16:08
ދުނިޔޭގައި މިނިވަން ޚާރިޖީ ސިޔާސަތެއް މިއަދުގެ ހިންގޭނީ އިގުތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް މިމޭރުމުން ވާހަކަ ދެއްކެވީ ސަރުކާރުގެ ހާރިޖީ ސިޔާސަތު އިއުލާން ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
"މިނިވަން ހާރިޖީ ސިޔާސަތެއް މިއަދުގެ ދުނިޔޭގައި ހިންގޭނީ އިގުތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް އަޅުގަނޑުމެން ވެގެން. އަމިއްލަ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެން،" ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމަކީ ވެސް އެކަމަށް މުހިއްމު ކަމެއް ކަމަށާއި ރާއްޖޭން ބޭރުގެ އެހީ ލިބޭނެ ގޮތަށް މަގު ތަނަވަސް ވުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.
މިއަދު އިއުލާން ކުރެއްވި ރާއްޖޭގެ އާ ހާރިޖީ ސިޔާސަތު އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ކަމަކަށް އަމާޒުކޮށްގެންނެވެ. އެއީ ރާއްޖޭގެ ސިޔާދަތު ހިމާޔަތްކުރުމާއި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމާއި ފުދުންތެރިކަން އިތުރުކުރުމާއި ދެކުނު އޭޝިއާ ސަރަހައްދުގެ އެއްބާރުލުން އިތުރުކުރުމާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ރަނގަޅު ހިދުމަތެއް ދިނުމާއި ހާރިޖީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމެވެ.
އާހާރިޖީ ސިޔާސަތުގެ ދަށުން ކުރަން ކަނޑައަޅާފައިވާ ބައެއް ކަންތައްތައް ވެސް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ ދިވެހިން އާއްމުކޮށް ދަތުރުކުރާ ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރުމަށް އެއްބަސްވުންތަކެއް ގާއިމް ކުރުމާއި ފޮރިން ސާވިސްގެ ގާނޫނެއް އުފެއްދުމާއި ފޮރިން ސާވިސް އިންސްޓްޓިއުޓެއް ގާއިމް ކުރުމެވެ.
ހާރިޖީ ސިޔާސަތު އިއުލާން ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބުރައީސާއި ވަޒީރުން ބައިވެރިވަޑައިގެންނެވިއެވެ.