ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުން އެޓީމު މޮޅުވެ، ލީގުގެ އެއްވަނައިގައި އޮތް ބާސާއާއި ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތައް އެއްވަރުވުމުގެ ސަބަބުން ލީގުގެ ފޯރި އިތުރަށް ވަރުގަދަ ވެއްޖެ އެވެ.

މި ނަތީޖާ ތަކާއެކު ލަލީގާ ތާވަލުގެ ކުރީގައި އޮތް ބާސާއާއި އެތުލެޓިކޯ، ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައިވާއިރު ރެއާލްއާ އެ ދެޓީމާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. ތާވަލުގެ އެއްވަނަ 51 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ބާސާއަށް ލިބޭއިރު ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ދެވަނައިގައި އޮތީ އެތުލެޓިކޯ އެވެ. ތިންވަނައިގައި އޮތް ރެއާލް އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

ލެވެންޓޭގެ ދަނޑުގައި އެޓީމާ ދެކޮޅަށް ޗެމްޕިއަން ބާސާ ކުޅުނު މެޗުގައި ފުރަތަމަ ކުރި ހޯދީ ލެވެންޓޭ އެވެ. މެޗުގެ 10 ވަނަ މިނިޓުގައި އެޓީމަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު ލޫކަސް ވިންޓްރާ އެވެ. ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 19 ވަނަ މިނިޓުގައި އެޓީމުގެ ސްޕެނިޝް ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ސެވިއްޔާ އާއި ދެކޮޅަށް އެޓީމު ކުޅުނު މެޗުގައި އެތުލެޓިކޯ އިން ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް ސެވިއްޔާއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 18 ވަނަ މިނިޓުގައި އެތުލެޓިކޯއަށް ކުރި ހޯދައިދިނީ ޑޭވިޑް ވިޔާ އެވެ. އަދި މެޗުގެ ފަހު ހާފުގައި ސެވިއްޔާއަށް ލިބުނު ޕެނަލްޓީ އަކުން މެޗުގެ 73 ވަނަ މިނިޓުގައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން އިވާން ރިކިޓިޗް އެވެ.

ރޭގެ މެޗުން ސެވިއްޔާ އަތުން މޮޅުވެގެން ލީގުގެ ކުރި ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް އެތުލެޓިކޯއަށް މެޗު އެއްވަރުވެގެން ނިމުމުން އެފުރުސަތު ވަނީ އެޓީމަށް ގެއްލިފަ އެވެ. އަދި ފަހަތުން އަރައި ރެއާލް މެޑްރިޑް އެތުލެޓިކޯއާއި ބާސާއާ ދެޓީމުގެ ފުލުގައި ވިއްދާފައި ވުމުން ލީގުފޯރި މިހާރު ވަނީ އިތުރަށް ގަދަވެފަ އެވެ.