ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރުއިންގެ ހިތްހަމަޖެހުން ގެއްލުވާލީ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ކަމަށް އޭނާ ބުނެފި އެވެ.

ޗެލްސީ ޓީމް ކުޅުނު ޕްރިމިއާ ލީގުގެ ފުރަތަމަ ދެ މެޗުގައި ޑިބްރުއިން ފެނިފައިވެ އެވެ. ހަލް ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ޑިބްރުއިން ފެނުނުއިރު، އޭގެ ފަހުން ޗެލްސީ ޓީމުން އޭނާ ފެނިފައެއް ނުވެއެވެ.

މިސީޒަންގެ ފެށުމުގެ ކުރިން ޑިބްރުއިން ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކުން މަސައްކަތްކުރި އެވެ. ނަމަވެސް އޭރު ޗެލްސީއިން އެ ހުށަހެޅުންތައް ގަބޫލުކޮށްފައެއް ނުވެއެވެ. ޑިބްރުއިން ވަނީ ޗެލްސީ ދޫކޮށް މިމަހު ޖަރުމަންގެ ވޮލްފްސްބާގާއި ގުޅިފަ އެވެ.

"ސީޒަންގެ ކުރީކޮޅުގައި ޗެލްސީގައި މަޑުކުރުމަށް މޮރީނިއޯ އެދުނު. ނަމަވެސް ބޮރޫސިއާ ޑޯޓްމުންޑުން ރަނގަޅު ހުށަހެޅުމެއް ލިބުނު. އަހަރެން އެތްލެޓިކޯ މެޑްރިޑާއި ވެސް ވާހަކަދެއްކިން. އަހަރެން ޗެލްސީ ދޫކޮށްލީ ހަމައެކަނި ވޯލްޑް ކަޕްގައި ބައިވެރިވާކަށް ނޫން. އެއީ އަހަރެންގެ ހިތްހަމަޖެހުން ގެއްލުވާލީމަ." ޑިބްރުއިން ބުންޏެވެ.

ޗެލްސީ ޓީމްގެ މެދުތެރޭގައި މިހާރުވެސް މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އެހެންކަމުން އެކްލަބުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ކުޅުންތެރިންނަށް ގިނަ ދަތިތަކަކާއި ކުރިމަތިވެ އެވެ.