ފުރުގާން މިސްކިތާއި އިންވެގެން އޮންނަ ކުނިކޮއްޓާއި އެމިސްކިތާއި ދެމެދުގައި ރާނާފައިވާ ފާރުގެ ބޮޑުބައެއް މިސްކިތުގެ ގޯތިތެރެއަށް ވެއްޓިއްޖެ އެވެ.

ކުނިކޮށީގައި މަސައްކަތްކުރާ ބައެއް މީހުންނާއި ވާހަކަ ދައްކާލުމުން އެގުނު ގޮތުގައި އެފާރު ވެއްޓިފައިވަނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު އެވެ. ފާރު ވެއްޓެންދިމާވި ސަބަބަކީ ފާރާއި ވަރަށް ގާތުން ކުނިކޮށިތެރޭގައި ހައިމާކެއް ކުނި ނެގުމުގެ މަސައްކަތް ކުރުމުން ކަމަށްވެސް އެމީހުން މައުލޫމާތު ދިނެވެ.

މިސްކިތުގެ ގޯތިތެރެއަށް ފާރު ވެއްޓުމުގެ ސަބަބުން އެމިސްކިތައް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިސްކިތުގެ ގޯތި ތެރެއަށް ގިނަ ގާތައް އެޅި ހިރަފުސްވެފައިވާއިރު ގިނަ އަދަދެއްގެ މެހި މިސްކިތުގެ ގޯތި ތެރެއަށް ވަދެފައިވެ އެވެ. އަދި އެކަމާ ގުޅިގެން އެމިސްކިތައް ދާ ގިނަ ބަޔަކު ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު "ސަން" އަށް ވިދާޅުވީ ކުނިގޮނޑުގެ ފާރު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން "ސިޓީ ކައުންސިލުން ހަމަޖައްސާނެ،" ކަމަށެވެ.

"އަޅުގަނޑުމެން ނޫން ތޯ މިސްކިތަތްތައް ބަލަހައްޓަނީވެސް؟ އެހެންވެ އަޅުގަނޑުމެން އެކަން ވެސް ވަރަށް އަވަހަށް ހަމަޖައްސައިލާނަށް" ސުޖާއު ވިދާޅުވި އެވެ.

ގާކޮށި ނަމުގައި މަޝްހޫރުވެފައިވާ އެކުނިކޮށި ވަނީ މީގެ ކުރިން ސިފައިންނާއި އެމްޓީސީސީ އިން ކުރި މަސައްކަތުން އެއްކޮށް ސާފްކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް އެގޮނޑަށް ކުނި އަޅަންފެށުމުން އިހު ހުރިވަރަށް މިހާރު ވަނީ އެގޮނޑަށް ކުނި ޖަމާވެފަ އެވެ.