20 Jan 2014, 14:21
ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހައިކޯޓުގައި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދަން ފަށައިފި އެވެ.
ހައިކޯޓުން ބުނީ މެޖިސްޓްރޭޓް ކޯޓުތަކާއި އެ ކޯޓާއި ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދަން ފަށާފައި ވަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ޚަރަދު ކުޑަކޮށް އަދުލު އިންސާފު ގާއިމްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ކޯޓުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
އެގޮތަށް ހަމަޖެއްސުމާ ގުޅިގެން ހައިކޯޓަށް މައްސަލަ ހުށަހެޅި ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތްތަކުން މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުން އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގައި ދިނުމަށް އެ ކޯޓުގައި އެދެވިދާނެ ކަމަށް ހައިކޯޓުން ބުންޏެވެ.
ހައިކޯޓުން ބުނީ މައްސަލަ ހުށަހަޅާ ފަރާތުން ނުވަތަ މައްސަލަ ރައްދުވާ ފަރާތުން އެގޮތަށް ހުށަހެޅުމުން، އެފަރާތުން އެދުނުގޮތަށް އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ފަނޑިޔާރުންގެ ބެންޗުން ކަމަށެވެ.
ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި އޯޑިއޯ ކޮންފަރެންސް ނިޒާމަކުން ގުޅާލެވިފައިވީނަމަވެސް، ވީޑިއޯ ކޮންފަރެންސް ނިޒާމް ގާއިމްކުރެވިފައިވަނީ އަތޮޅު ވެރިކަން ކުރާ ރަށްރަށާއި، މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގައި އެކަންޏެވެ.
އާންމު އުސޫލެއްގެ ގޮތުން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނީ މަދަނީ މައްސަލަތަކާއި ބަންދު އަމުރުގެ މައްސަލަތަކުގަ އެވެ.