ޖަޕާނުގެ އިލެކްޓޯނިކްސް ކުންފުންޏެއް ކަމަށްވާ ނިންޓެންޑޯއަށް މާލީ އަހަރު ނިމޭ އިރު ބޮޑު ގެއްލުމެއް ވާނެ ކަމުގެ އިންޒާރު ދިނުމާ އެކު ނިންޓެންޑޯގެ ހިއްސާގެ އަގު 18 އިންސައްތަ ދަށަށް މިއަދު ހިގައްޖެއެވެ.

ނިންޓެންޑޯއިން ވަނީ 31 މާޗް 2014 ގައި މާލީ އަހަރު ނިމޭއިރު 960.6 މިލިއަން ޑޮލަރުގެ ފައިދާ ވާނެ ކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އެ ކުންފުނިން ވަނީ 336.2 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ބުނެފަ އެވެ.

ނިންޓެންޑޯ އިން ބުނިގޮތުގައި ގެއްލުމާ ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑު ސަބަބަކީ އެ ކުންފުނީގެ އެންމެ ވިކޭ އެއް ޕްރޮޑަކްޓް ކަމަށްވާ “ނިންޓެންޑޯ ވީ ޔޫ” ގެ ސޭލްސް ދަށްވުމެވެ.

ނިންޓެންޑޯއިން ކުރިން ބުނެފައި ވަނީ މި ހިނގާ މާލީ އަހަރުގެ ތެރޭގައި 9 މިލިއަން ވީ ޔޫ ވިކޭނެ ކަމަށެވެ. ނަމަވެސް ސޭލްސް ދަށްވުމުގެ ސަބަބުން ވިކޭނެ ކަމަށް މިހާރު ލަފާކުރެވެނީ 2.8 މިލިއަން ވީ ޔޫ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ފުރަތަމަ ލަފާކުރި ވަރަށް ވުރެ 70 އިންސައްތަ ދަށް އަދަދެކެވެ.

އެ ކުންފުނީގެ “ތްރީ ޑީ އެސް” ކޮންސޯލް ވިކޭނެކަމަށް ލަފާކުރި އަދަދުވެސް ނިންޓެންޑޯއިން ވަނީ މުރާޖާ ކޮށްފައެވެ. ކުރިން އެ ކުންފުނިން ބުނީ މި ހިނގާ މާލީ އަހަރުގެ ތެރޭގައި 18 މިލިއަން ތްރީ ޑީ އެސް ޔުނިޓް ވިކޭނެ ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދުވަނީ 13.5 މިލިއަން ޔުނިޓަށް ދަށްކޮށްފައެވެ.

މަޝްހޫރު ގޭމްއެއް ކަމަށްވާ ސުޕަރ މާރިއޯ ތައާރަފްކުރި ނިންޓެންޑޯއަށް އެންމެ ބޮޑު ފައިދާއެއް ވެފައި ވަނީ 2007 ވަނަ އަހަރުއެވެ. އެހެންނަމަވެސް މިދިޔަ އަހަރު މައިކްރޮސޮފްޓުން އެކްސް ބޮކްސް ވަން ކޮންސޯލް ނެރުމާއި، ސޮނީ އިން ޕްލޭ ސްޓޭޝަން 4 އިއުލާނު ކުރުމާ އެކު ނިންޓެންޑޯއަށް ވަނީ އުނދަގޫ ވާދަވެރި ކަމަކާ ކުރިމަތިލާން ޖެހިފައެވެ.

މާހިރުން ބުނާ ގޮތުގައި ގޭމިން ބަޒާރުގައި ވާދަކުރުމަށްޓަކާ މިހާރު ނިންޓެންޑޯއިން ގެންގުޅެމުން އަންނަ އުސޫލުތައް ބަދަލުކުރަން ޖެހެއެވެ. އެގޮތުން ސްމާޓް ފޯނާއި ޓެބްލެޓް ތަކުގައި ނިންޓެންޑޯގެ ގޭމް ތައް ކުޅެވޭ ގޮތަށް ހުޅުވާލަން އެބަ ޖެހެއެވެ. އަދި މަޝްހޫރު ސުޕަރ މާރިއޯ ގޭމް ސްމާޓްފޯނު ތަކުގައި ކުޅެވޭ ގޮތަށް ހެދުން އެއީ ކުންފުނީގެ ވިޔަފާރިއަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް އިންޑަސްޓްރީ ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.