20 Jan 2014, 13:08
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގް ޑައިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަހުމަދު ދީދީ އެ މަގާމުން ވަކިކޮށްފި އެވެ.
އެމްޑަބްލިއުއެސްސީގެ އެކިއެކި މަގާމުތަކުގައި 15 އަހަރު ހިދުމަތް ކުރައްވާފައިވާ މުހައްމަދު އަހުމަދު ދީދީ އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ އެވެ.
އެމަގާމަށް މިހާރު އަލަށް ހަމަޖައްސަވާފައިވާ ބޭފުޅަކީ އަހުމަދު އުމަރު ކިޔާ ބޭފުޅެކެވެ. ނަމަވެސް އޭނާ މިހާތަނަށް ވަޒީފާ އަށް ނިކުމެވަޑައެއް ނުގަންނަވަ އެވެ.
މުހައްމަދު އަހުމަދު ދީދީ މިއަދު ސަން އަށް ވިދާޅުވީ އޭނާ ވަޒީފާ އިން ވަކިކޮށްފައިވާކަން ސިޓީއަކުން އެނގީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އެ ސިޓީގައި އޭނާ މަގާމުން ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކާ ގުޅިގެން ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން އަންގާފައިވާ ކަމަށެވެ.
"ވަޒީފާ އިން ސީދާ ވަކިކުރި ސަބަބެއް އަޅުގަނޑަށް އެނގިފައެއް ނުވޭ، އެކަމަކު އަޑު އިވޭ ގޮތުގައި ކުންފުނިތަކުގެ އިސް މަގާމުތައް އެކިއެކި ޕާޓީތަކުގެ ބޭފުޅުންނަށް ދިނުމަށް ކުރަމުން ގެންދާ ކަމުގެ އަޑުތައް ވަނީ އިވިފައި، ނަމަވެސް ސީދާ އެ ސަބަބު ކަމެއް އަޅުގަނޑަކަށް ނޭނގޭ،" މުހައްމަދު ދީދީ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ ކުންފުނިތަކުގެ ޗެއާމަނުން ފިޔަވައި ކުންފުނިތަކުގެ ބޯޑުގެ މެމްބަރުން ވަޒީފާ އިން ވަކިކުރެއްވުމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ކުރެއްވުމުގެ ބަދަލުގައި ސީދާ އެކަންކަން ކުރަމުން މިހާރު ގެންދަނީ ޕްރައިވެޓައިޒޭޝަން ބޯޑުގެ ފަރާތުން ކަމަށެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ އެކްޓިންގް ރައީސްގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ޔާސިރު މިއަދު ވިދާޅުވީ ބޯޑުތަކުން ބޭފުޅުން ވަކިކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން ކަމަށެވެ.
ޔާސީރު ވިދާޅުވީ އެ ބަދަލު ގެނެސްފައި ވަނީ އެއިރެއްގެ އޮންނަ ސަރުކާރެއްގެ ބޭފުޅުން ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލުކުރަމުން ގެންދާ ސިޔާސަތުގެ ދަށުން ކަމަށެވެ.