20 Jan 2014, 13:05
ކުލަބް ވެލެންސިއާގެ މެނޭޖަރު ކަމުގެ މަގާމްގައި ހުރި އަލީ ޝާހިދު (ސްޓެޕް އައްޔަ) ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި އައްޔަ ކުރިމަތިލާން ނިންމާފައި ވަނީ ޕީޕީއެމްގެ ފަރާތުން ހުޅުހެންވޭރު ދާއިރާ އަށެވެ. އަދި އެ ދާއިރާގެ ޕްރައިމަރީގައި ޕީޕީއެމް އިން އައްޔަ އާ އެކު ވާދަކުރަނީ މަޝްހޫރު ފިލްމީ ތަރި ލުފްޝާން ޝަކީބު (ލޫއްޕެ) އެވެ.
ސަންއާ ވާހަކަ ދައްކަމުން އައްޔަ ބުނީ، ޕްރައިމެރީގައި ލޫއްޕެއާ އެކު ވާދަކޮށް ބަލިވިއެއް ކަމަކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އެ ގޮނޑިއަށް ވާދަނުކުރާނެ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ސްޓެޕް އައްޔަ އަކީ ނެށުމާއި ފިލްމު ކުޅުމުގައި ވެސް އާންމުން ދެކެފަރިތަ މޫނެކެވެ. އަދި އޭނައަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމްގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ މީހެކެވެ.
މީގެ ކުރިން މޯލްޑިސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރި ސްޓެޕް އައްޔަގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި އުލޭ މަޝްހޫރު އެތަކެއް ފުޓްބޯޅަ ކުޅުންތެރިން ވަނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވާދަކުރަން ނިންމާފަ އެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ވެސް ކުޅުން ހުއްޓާލުމަށް ފަހު ޕީޕީއެމް ޓިކެޓުގައި އޭނާގެ އުފަން ރަށް މަހިބަދޫ ދާއިރާގެ މަޖިލީހަށް ނިކުންނަން ނިންމާފައިވާ އިރު، ނިއަށް ކުޅުނު ތަޖުރިބާކާރު ގައުމީ ފޯވާޑް އަލީ އުމަރު ވެސް ކުޅުން ހުއްޓާލުމަށް ފަހު ޕީޕީއެމް ޓިކެޓުގައި މައްޗަންގޯޅި އުތުރު ދާއިރާ އަށް ނިކުންނަން ވަނީ ނިންމާފަ އެވެ. އަދި މިދިޔަ ސީޒަނުގައި ބީޖީ ސްޕޯޓްސްއަށް ކުޅުނު އައްސަދު އަލީ (އަޑުބަރޭ) ވެސް ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ތ. ކިނބިދޫ ދާއިރާ އަށް ނިކުންނަން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް އަޑޭ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކޮށްފައެއްނުވެ އެވެ.