20 Jan 2014, 12:53
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ބިލު ތަސްދީގު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު މިނިވަން މީޑިއާ އަށް އިހުތިރާމް ކުރައްވާކަން ދައްކުވައިދޭ ކަމެއް ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ބުނެފި އެވެ.
އައިއެފްޖޭ އިން މިހެން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލް ތަސްދީގުކުރެއްވުމުން އެކަމަށް މަރުހަބާ ކިއުމަށް ހުކުރު ދުވަހު ނެރުނު ބަޔާނެއްގަ އެވެ.
".. ރައީސް އަބްދުﷲ ޔާމީނުގެ އެފިޔަވަޅަށް އައިއެފްޖޭ އިން ތައުރީފު ކުރަމެވެ. އެއީ މީޑިއާގެ މިނިވަންކަމުގެ މުހިއްމު ކަމަށް އެމަނިކުފާނު އިހުތިރާމް ކުރައްވާކަން ދައްކުވައިދޭ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ އެ ގާނޫނު ތަސްދީގު ކުރެއްވުމަކީ ހެޔޮވެރިކަމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި ރާއްޖޭގެ ނޫސްވެރިން މައުލޫމާތު ލިބިގަތުމަށް ހުޅުވުނު ދޮރެއް ކަމަށް އައިއެފްޖޭ އޭޝިއާ ޕެސިފިކްގެ ޑައިރެކްޓަރު ޖެކުލިން ޕާކް ވިދާޅުވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލް ތަސްދީގު ކުރެއްވުމުން ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ރައީސް ޔާމީނަށް ޝުކުރު ދަންނަވާފަ އެވެ.