އިންޑިޔާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ފައި ބިންދައިގެން ގޮސް، ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.


އެ އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ އެއްބައްޑު އެއްބަފާ ކޮއްކޮ ދިޔާނާ އަބްދުﷲ ސަން އޮންލައިނަށް މައުލޫމާތުދެމުން ބުނީ އެކްސިޑެންޓްގައި އަނިޔާވީ އޭނާގެ ދައްތަ، ގދ. ތިނަދޫ، ޕާޕަލްގޭ ޖަމްޝީދާ އަބްދުﷲ، 35، އަށް ކަމަށާއި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ޖަމްޝީދާގެ ދެމަފިރިން އެމީހުންގެ 13 އަހަރުގެ އަންހެން ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށްޓަކައި ޓްރެވިންޑްރަމްގައި ހުންނަ ކިމްސް ހޮޕިޓަލަށް ދިއުމަށް ބަސް ސްޓޮޕެއްގެ ކައިރީގައި މަޑުކޮށްލައިގެން ތިއްބާ ކަމަށެވެ.


ފުދޭވަރަކަށް ބާރަށް ދުއްވާފައި ދިޔަ ޕްރައިވެޓް ކާރަކުން އިތުރު ކާރެއްގައި ޖެހި ހިނގި އެ އެކްސިޑެންޓްގައި ޖަމްޝީދާގެ ކަނާތުގެ ފައިގެ ކަކުލުން ތިރި އެއްކޮށް ޗިސްވެފައިވާ ކަމަށް ދިޔާނާ ބުންޏެވެ. އެކްސިޑެންޓަށް ފަހު ޖަމްޝީދާގެ ފައި އޮޕަރޭޝަން ކުރުމަށް ފަހު އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.


"ބަސް ސޮޓޮޕްގައި މަޑުކޮށްލައިގެން ހުއްޓައި ކާރު އައިލެއް ބާރުކަމުން ދައްތަގެ ފައިގައި ޖެހުނީ. އޮޕަރޭޝަނަށް ފަހު މިހާރު ހާލު ރަނގަޅު. ވާހަކަ ވެސް ދައްކާ." ދިޔާނާ ކިޔައިދިނެވެ.


އެކްސިޑެންޓް ހިނގިއިރު ޖަމްޝީދާ ކައިރީގައި ހުރި އޭނާގެ ފިރިމީހާ މުހްތާބް އަބްދުﷲ ބުނީ އެކްސިޑެންޓް ހިނގީ ކިމްސް ހޮސްޕިޓަލަށް ދިއުމަށްޓަކައި ޕޮންގްމޯޑް ޖަންގްޝަން ކައިރީގައި ހުރި ބޮޑު ގަހެއްގެ ކައިރީގައި އޮޓޯއެއް ހޯދަން މަޑުކޮށްގެން ތިއްބައި ކަމަށެވެ.


އޭނާ ބުނީ މަގު ބްލޮކްވެފައި ވަނިކޮށް ކުއްލިއަކަށް ވަރަށް ބާރަށް ދުއްވާފައި ދިޔަ ކާރެއް ޖަންގްޝަނާ ކައިރީގައި މަޑުކޮށްލައިގެން އޮތް އިތުރު ކާރެއްގައި ޖެހި، އެ ކާރު ވިއްސައިގެން ދިޔައީ ކަމަށެވެ. އަދި އެވަގުތު އެ ކާރުން ޖެހި ޖަމްޝީދާ ގަހާއި ފާރާ ދެމެދަށް ވެއްޓުނީ ކަމަށާއި ވިއްސައިގެން ދިޔަ ކާރުން ޖެހި ކޮންމެވެސް ވަރަކަށް އޭނާގެ އަތް ވެސް މަށައިގެން ގޮސްފައިވާ ކަމަށް މުހުތާބު ބުންޏެވެ.


ނަމަވެސް އެ އެކްސިޑެންޓްގައި ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އޭނާ ބުންޏެވެ.


"އޮޓޯއެއް ފެނިގެން ތަންކޮޅެއް ކުރިއަށް ޖެހިލާފައި އަތްމައްޗަށް ނެގީ، ނަމަވެސް މީހަކު އިނީމަ އޮޓޯ ދިޔައީ. ދެން އެހިސާބުން މަގު ބްލޮކްވީ. އޭރު ހުރެވުނީ ޖަންޝަން ކައިރީގައި ހުރި ގަހާ ވެސް ތަންކޮޅެއް ދުރުގައި. ތަންކޮޅެއް ކައިރީގައި އޮތް ކާރެއް މަގު ބްލޮކްވެފައި އޮތީމާ ކުރިއަށް ނުދެވިފައި އޮއްވައި އެވަގުތު ކުއްލިއަކަށް ފަހަތުން އައި ކާރެއް އެ ކާރުގެ ފަހަތުގައި ވަރަށް ބާރަށް ޖެހުމުގެ ސަބަބުން އެކާރު ދިޔައީ ވިއްސައިގެން. ވިއްސައިގެން ދިޔަ ކާރު ގޮސް ޖެހުނީ ޖަމްޝީދާގެ ގައިގައި،" މުހްތާބް ބުންޏެވެ.


އޭނާ ބުނީ އެ ހާދިސާ ހިނގީ އިންޑިޔާގައި ބޭސްފަރުވާ އަކަށް ގޮސް އުޅޭތާ ވިއްސަކަށް ދުވަސްވެފައި ވަނިކޮށް ކަމަށެވެ.


އެ ހާދިސާގައި ޖަމްޝީދާގެ ފަޔަށް ލިބިފައިވާ ޒަހަމްތަކަށް މިހާރު ފަރުވާދީފައިވާ ކަމަށާއި ނަމަވެސް ރިކާވާ ވަރެއް އެނގޭނީ ހަތަރު ވަރަކަށް ދުވަސް ފަހުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް މުހުތާބު ބުންޏެވެ.


"ފައިގެ ޗިސްވި ބައިގައި ފަލަމަސްގަނޑުން މަސްނަގައިގެން ވަނީ މަސްއަޅާފައި. ފައި ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނި." މުހުތާބު ބުންޏެވެ.