އެކަނިވެރި މައިންނަށް ދެމުން އަންނަ އިނާޔަތުގެ ފައިސާ މި މަހުގެ މިހާތަނަށް ބައެއް ފަރާތްތަކަށް ނުލިބޭ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންދާ އިރު އެ ފައިސާ މިއަދު ޖަމާވާނެ ކަމަށް އެންސްޕާ އިން ބުނެފި އެވެ.

އެކަނިވެރިމައިންގެ ފައިސާ މި މަހު ނުލިބިގެން ސަންއާ އެ ވާހަކަ ހިއްސާ ކުރި ބައެއް ފަރާތްތަކުން ބުނީ އެ މީހުންގެ އެކައުންޓަށް އެ ފައިސާ ޖަމާވެފައިވޭތޯ މިފަހަރު ބެލި އިރު ފައިސާ ޖަމާނުވާ ކަމަށެވެ. އަދި އެކަން އެންސްޕާއިން ސާފުކުރުމުން އެފައިސާ ޖަމާކޮށްދޭން ފިނޭންސަށް ފޮނުވާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އެންސްޕާގެ ޗެއާމަން ތޯރިގު އަލީ މިއަދު ވިދާޅުވީ މިހާތަނަށް ފައިސާ ޖަމާވެފައި ނުވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށާއި އަތޮޅުތަކުގައި ދިރިއުޅޭ އެކަނިވެރި މައިންނަށް މިދިޔަ ހަފްތާގައި އެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.

މިހާތަނަށް ފައިސާ ޖަމާނުވާ ފަރާތްތަކަށް ވެސް މިއަދު އެ ފައިސާ ޖަމާވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންސްޕާއިން ކޮންމެ މަހެއްގެ ވެސް ދިހައެއްގެ ކުރިން އެ ފައިސާ ޖަމާކުރަން ފިނޭންސަށް ފޮނުވާނެ، ޖަމާނު ފަރާތްތަކަށް މިއަދު ފައިސާ ޖަމާވާނެ ކަމަށް ބެލެވެނީ،" ތޯރިގު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފިނޭސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެކަނިވެރިމައިންނަށް ސަރުކާރުން ދެމުން އަންނަ 2000 ރުފިޔާގެ އެލަވަންސްގެ ފައިސާ މިމަހު މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މިހާތަނަށް އަދި ޖަމާކޮށްދީފައިނުވާ އިރު 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި 2010 އިން 2012ގެ ޖޫންގެ ނިޔަލަށް މާލޭގައި ދިރިއުޅޭ 88 ފަރާތަކަށް އެކަނިވެރިމައިންގެ ފައިސާ ޖަމާކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ ފަރާތްތަކަށް 894،000 ރުފިޔާ ދީފައިވާ ކަމަށް އޮޑިޓްގައިވެ އެވެ. އަދި ގަވާއިދާ ހިލާފަށް ފައިސާ ދީފައިވާ ފަރާތްތަކުން އެ ފައިސާ އަނބުރާ ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ހެލްތު މިނިސްޓްރީ އަށް އަންގަވައިފަ އެވެ.