20 Jan 2014, 11:25
އިކޮނެމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަގާމުގައި ހުންނެވި މުހައްމަދު އިޔާޒް މަގާމުން ވަކިކުރައްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން އިޔާޒު ވަކިކުރައްވާފައި ވަނީ ވަޒީފާ ހަމަޖެއްސިތާ ޖެހިގެން އައިދުވަހު ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރީއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ ސިޔާސީ މަގާމް ތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރެއް ކަމަށެވެ. އަދި ވިދާޅުވީ އިޔާޒު ވެސް މަގާމުން ވަކިކޮށްފައި ވަނީ ރައީސަށް ލިބިވަޑައިގެންފައިވާ އެ ބާރުގެ ދަށުން ކަމަށެވެ.
"މަގާމް ތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުން އެއީ ރައީސް އަށް ލިބިވަދައިގެންފައިވާ ބާރެއް. ބޭފުޅަކު މަގާމަށް އައްޔަން ކުރައްވަން ރައީސް އަށް ފެނިވަޑައިގަތުމުން އައްޔަން ކުރައްވަނީ. އަދި ވަކި ކުރައްވަން ފެނިވަޑައިގަތުމުން ވަކި ކުރައްވަނީ. އެއީ އެހެން އޮންނަ ކަމެއް" މުއާޒު ވިދާޅުވި އެވެ.
މަގާމުން ވަކި ކުރެއްވިއިރު އޭނާ އޮފީހަށް ވެސް ނިކުމެވަޑައިގެންފައި ނުވާ ކަމަށް މުއާޒު ވިދާޅުވި އެވެ.