20 Jan 2014, 11:08
ބައެއް ގާނޫނުތައް ހެދިފައި ނެތުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ގޮންޖެހުމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންނަށް ޚާއްސަކޮށްގެން ކޮމަން ވެލްތު މެޖިސްޓްރޭޓްސް އެންޑް ޖަޖަސް ( ސީއެމްޖޭއޭ) އިން ބާއްވާ ސެމިނާރެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ޒަމާނީ ގާނޫނުލް އުގޫބާތެއް ނެތުމަކީ ވެސް އެފަދަ އެއް ގޮންޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" ކުށުގެ ބާވަތަށް ފުރިހަމައަށް ރިއާޔަތް ކުރާ ޒަމާނީ ގާނޫނުލް އުގޫބާތެއް ނެތުމުން ވަނީ ހުސްކަމެއް އުފެދިފައި، މިއީ މުޅި ޖިނާއީ އަދުލުގެ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމެއް، " ފާއިޒު ވިދާޅުވިއެވެ.
ސީއެމްޖޭއޭ އިން ރާއްޖޭގެ ފަނޑިޔާރުންނަށް އަމާޒުކޮށްގެން މިއަދު ފެށި ސެމިނާރަކީ ފަނޑިޔާރުންގެ ތަޖުރިބާ ހިއްސާކޮށް، ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ސެމިނާރެކެވެ. އެސެމިނާރުގައި ކޮމަންވެލްތުގެ ބައެއް ގައުމުތަކުގެ ވަރަށް ތަޖުރިބާކާރު ފަނޑިޔާރުން ބައިވެވިވަޑައިގަންނަވައެވެ.