20 Jan 2014, 10:55
އިސްލާމް އާބާދު (ޖަނަވަރީ 20): ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ހަމަނުޖެހުންބޮޑު ސަރަހައްދެއްކަމަށްވާ ބާނޫގައި ދަތުރުކުރަމުން ދިޔަ އެގައުމުގެ ސިފައިންގެ ގާފިލާއަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއެއްގައި ސިފައިންގެ 20 މީހުން މަރުވެ ތިރީހަށް ވުރެ ގިނަ މީހުން މީހުން ޒަޚަމްވުމާ ގުޅިގެން ބޮޑުވަޒީރު ނަވާޒް ޝަރީފު ގައުމުން ބޭރަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި އެވެ.
ނަވާޒް ޝަރީފުގެ އޮފީހުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައްބުނާ ގޮތުން ސްވިޓްޒަލޭންޑްގެ ޑާވޮސްގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އިގްތިސާދީ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ބޮޑުވަޒީރު ނަވާޒް ޝަރީފު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު، ބާނޫގައި ސިފައިންނަށްދިން ވަރުގަދަޙަމަލާއާ ގުޅިގެން ކެންސަލްކުރައްވައިފި އެވެ. އަދިނަވާޒް ޝަރީފު ނިންމެވީ މިވަގުތު ބޭރަށްވަޑައިނުގެން ގައުމުގައި ހުންނެވުމަށެވެ.
ޕާކިސްތާނުގެހުޅަނގު އުތުރުގެ ބާނޫ ސަރަހައްދަކީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައިވާ ތާލިބާން ޖަމާއަތުގެ ބާރުގަދަ ސަރަހައްދެއްކަމަށްވެ އެވެ. ބާނޫ ސަރަހައްދުން އިއްޔެ ދަތުރުކުރި ޕާކިސްތާން ސިފައިންގެ އެތައް ވެހިކަލެއް ހިމެނޭ ގާފިލާއަށް ދިން ބޮމުގެ ޙަމަލާގެ ޒިންމާ އުފުލާފައި ވަނީ ތާލިބާން ޖަމާއަތުންނެވެ. ތާލިބާނުންގެ ތަރްޖަމާނެއް ކަމަށްވާ ޝަހީދުﷲ ޝަހީދު ވިދާޅުވެފައި ވަނީ އެޙަމަލާ ދީފައި ވަނީ ތާލިބާން ހަނގުރާމަވެރިން ކަމުގަ އެވެ. އަދި ޕާކިސްތާން ސިފައިންނަކީ ދުޝްމަނުން ކަމަށާ މުސްތަގްބަލްގައި ވެސް ޕާކިސްތާން ސިފައިންނަށް އަމާޒުކޮށް މިފަދަ ޙަމަލާތައް ދޭނެކަމުގެ އިންޒާރު ފްރާންސް ޕްރެސް އަށް ފޯނުންގުޅުއްވައި އޭނާ ދެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ.
ބާނޫގައި ދިން ޙަމަލާގައި ޕާކިސްތާން ސިފައިންގެ ގިނަ އަދަދެއްގެ އުޅަނދުތަކެއްގެ އިތުރުން އެ ޞަރަޙައްދުގައި ޕާކްކޮށްފައި ހުރި ގިނަ އުޅަނދުތަކެއް ވެސް ވަނީ އަނދާ ހުލިވެފަ އެވެ. މިޙަމަލައާ ގުޅިގެން ޕާކިސްތާނުގެ ވައިގެ ބާރުތަކުން ތާލިބާނުންގެ މަރުކަޒުތައް ކަމަށް ޝައްކުކުރެވޭ ތަންތަނަށް ވައިގެ ޙަމަލާތަކެއްދީ ތާލިބާނުންގެ ބައެއް މީހުން މަރާލާފައި ކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)