20 Jan 2014, 10:27
ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ އަހަރު 11270 މީހުން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބަންދުގެ މުއްދަތު އިތުރުކުރުމަށް 2012 ވަނަ އަހަރު އެ ކޯޓަށް ހާޒިޒރުކޮށްފައި ވަނީ 10981 މީހުންނެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 11270 އަށް އިތުރުވެފަ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރި މީހުންގެ ތެރެއިން 5221 މީހުން ހާޒިރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގަ އެވެ. އަދި ވައްކަން ކުރި ކަމުގެ ތުހުމަތުގައި 2234 މީހުން މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމަށް 11270 މީހުން މިދިޔަ އަހަރު ކޯޓަށް ހާޒިރުކުރި ނަމަވެސް އޭގެތެރެއިން ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ 9633 މީހުންނަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ތަފާތު އެކި ކަންކަމުގައި 3141 އަމުރަށް މިދިޔަ އަހަރު ފުލުހުން އެދިފައިވާއިރު އޭގެތެރެއިން ނެރެދީފައި ވަނީ 3138 އަމުރު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.