20 Jan 2014, 10:09
ގާނޫނީ ވަކީލެއް ކަމަށް ބުނެ މީގެކުރިން ކޯޓުތަކުގައި ވަކާލާތު ކުރަމުން ގެންދިޔަ މ. ނައިންހައުސް ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދައުލަތާ ދެކޮޅަށް ޒުންނަވާރު ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އޭސީސީން ހުށަހެޅި ކަންކަމަށް ބަލައި ޒުންނާވާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލްކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޒުންނަވާރު ހުށަހަޅާފައިވާ ސެޓްފިކެޓުތަށް އެ އޮތޯރިޓީން ވެލިޑޭޓުކޮށްފައި އޮތްއޮތުން ބަންޑާރަ ނާއިބްގެ އޮފީހުން ބާތިލް ކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ.
އެހުކުމްގައި ބުނެފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޒުންނަވާރު ހުށަހަޅާފައިވާ ބެޗްލާ އޮފް ލޯ ސެޓްފިކެޓާއި، އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓުތަކަކީ ސައްޚަނޫން ސެޓްފިކެޓުތަކެއްކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެނގިފައިވުމުން، ސިއްރު ނުކޮށް ވީހާވެސް އަވަހަކަށް އެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކަށާއި އާންމުންނަށް ހިއްސާކޮށްފައިވުމަކީ އެއީ އެ ކޮމިޝަންގެ ޒިންމާ އަދާކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެ އަމަލަކީ ގާނޫނު އަސާސީގެ 199 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމަށް ޖެހިލުންވުމެއް ނެތި މަސައްކަތް ކުރުމަށް އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަގުސަދު ހާސިލްކުރުމަށްޓަކައި އެ ކޮމިޝަނުން ކޮށްފައިވާ ކަމެއްކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.