ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޒަނުގައި އިއްޔެ ކުޅުނު މެޗްތައް ކާމިޔާބުކޮށް ސްޕޯޓްސް ކުލަބު މެކާނޯ އާއި ފޮނަދޫ ޒުވާނުންގެ ރޫހު އެ މުބާރަތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު މެކާނޯ އިން ކާމިޔާބުކުރީ ހޯރަފުށި ގުޅުމާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް މެކާނޯއިން ގެންގޮސްފައިވަނީ 25-12، 25-14 އަދި 30-28 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެކާނޯގެ އަލީ ހުޒާމެވެ.

މުބާރާތުގައި ރޭކުޅުނު މެޗު ފޮނަދޫ ޒުވާނުންގެ ރޫހުން ކާމިޔާބު ކުރީ ސްޕޯޓްސް ކުލަބް ވާދޫ އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ނެވެ. މެޗުގެ ސެޓްތައް ފޮނަދޫ ޒުވާނުންގެ ރޫހުން ގެންގޮސްފައި ވަނީ 25-23 ، 31-29 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފޮނަދޫ ޒުވާނުންގެ ރޫހުގެ ހަސަން އާމިރެވެ.

މުބާރާތުގައި މިއަދުވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ހަވީރު 4:30 ގައި ބައްދަލުކުރާނީ ސްޕޯޓްސް ކުލަބް ސިޓީއާއި ޕޮލިސް ކުލަބެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާނީ ހުޅުމާލެ ޔޫތު ޑިވޮލަޕްމަންޓް ސޮސައިޓީ އާއި ސާއްބަ އެކުވެރި ކުލަބެވެ.

މިމުބާރާތުގައި ޖުމަލް 14 ޓީމް ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު ގްރޫޕަކަށް ޓީމް ބަހާލައިގެންނެވެ. އަދި ކޮންމެ ގްރޫޕަކުން ދެ ޓީމް ކުއާޓާފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.

މިމުބާރާތުގައި ބައިވެރިވެފައިވާ 14 ޓީމަކީ ސްޕޯޓްސް ކުލަބް ސިޓީ އާއި ޕޮލިސް ފެމެލީ އެސޯސިއޭޝަން އާއި ޔޫތު ނިއު ޖަނަރޭޝަން އާއި ހުޅުމާލެ ޔޫތު ޑިވޮލަޕްމަންޓް ސޮސައިޓީ އާއި ސާއްބަ އެކުވެރި ކުލަބާއި ށ. ކޮމަންޑޫ އިސްދަރިވަރުންގެ ޖަމިއްޔާ އާއި ހޯރަފުށި ގުޅުމާއި ސްޕޯޓްސް ކުލަބު މެކާނޯ އާއި ގިރާވަރު ޔޫތު ސޮސައިޓީ އާއި ފޮނަދޫ ޒުވާނުންގެ ރޫހާއި ކްލަބް ހަލްފް ލައިން ލިންކޭޖް އާއިސްޕޯޓްސް ކުލަބު ގުޑީސް އާއި ކުލަބު ޓީނޭޖް ޖޫނިޔަސް އަދި ސްޕޯޓްސް ކުލަބު ވާދޫ އެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމާއި ރަނައަޕް ޓީމަށް މިއަހަރުގެ އެއްވަނަ ޑިވިޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެޓީމް ތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުނެ އެވެ.