އަންހެނުންގެ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ސްކްރީން ކުރުމުގެ ހިދުމަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ރާއްޖޭގައި ފަށައިފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ ދުނިޔޭގެ އާބާދީ ޖަމިއްޔާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ދޭން ފެށި އެ ހިދުމަތް އިއްޔެ ފަށާފައި ވަނީ މަޖީދީމަގު، ތެލެސީމިއާ ސެންޓަރުގެ އިރަށް ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓާ (ދަމަނަވެށި)ގައި ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި އައިޖީއެމްއެޗާ ގުޅިގެން ކުރިއަށްގެންދާ އިރު މި އަހަރުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް އެ ހިދުމަތް ގާއިމުކުރާނެ ކަމަށް އެ އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ ހިދުމަތް ފަށައިގަތުމުގެ ގޮތުން އެ ހިދުމަތް ދެމުންދާނީ ހަފްތާ އަކު އެއް ދުވަހު ކަމަށާއި އެގޮތުން ސްކްރީން ކުރެވޭ ދުވަސްތަކަށް ދުވާލެއްގެ މައްޗަށް 25 އެޕޮއިންޓްމަންޓް ދޫކުރާނެ ކަމަށެވެ. އަދި އެ ހިދުމަތަކީ އެއްވެސް ފީއަކާއި ނުލައި ދޭން ހަމަޖެހިފައިވާ ހިދުމަތެއް ކަމަށާއި އެ ހިދުމަތަށް އާސަންދައިގެ ދަށުން ވެސް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ އުމުރުން 30 އަހަރާއި 50 އަހަރާއި ދެމެދުގެ ކޮންމެ އަންހެނަކު ވެސް ފަސް އަހަރުން އެއް ފަހަރު އެ ޓެސްޓް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ އަންހެނުންނަށް ޖެހޭ ކެންސަރުތަކުގެ ތެރެއިން އެންމެ އާއްމު އެއް ކެންސަރަށްވެފައިވާ އިރު އެ ބައްޔަކީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ކެންސަރެއް ކަމަށް ހެލްތުން ބުންޏެވެ. އަދި އެ ބަލި އެންމެ ގިނައިން ފެނިފައިވާ އެއް ސަރަހައްދަކީ ރާއްޖެ ނިސްބަތްވާ ސައުތު އޭޝިއާ ސަރަހައްދު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހެނީ ރަހިމުގެ ދޮރުގެ ސެލްތަކަށް ބަދަލު އައުމުންނެވެ. އަދި ރަހިމުގެ ދޮރުގެ ސެލްތަކަށް ބަދަލު އަންނަން ފަށާ ހިސާބުން ކެންސަރަށް ބަދަލުވުމަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއް ނަގާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހުމުގެ އެންމެ މުހިއްމު ދެ ސަބަބަކީ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ ވަރިއަސް) އިން ޖެހޭ އިންފެކްޝަނުންނާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް މަތީ މިންވަރަކަށް ހުށަހެޅުމުންނެވެ. އަދި އެޗްޕީވީ ވައިރަސް ޖެހިފައި ހުރި މީހަކު ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ އެ ކެންސަރު ޖެހުމުގެ ފުރުސަތު 27 ގުނައަށް އިތުރުވެގެންދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.