އެމެރިކާއަށް އެހީވުމުގެ ގޮތުން އަފްޣާން ހަނގުރާމައިގާ ބައިވެރިވުމަކީ ދީނީގޮތުން ހުއްދަކަމެއް ނޫންކަމަށް އުރުދުންގެ ގިނަ ޢަދަދެއްގެ އިސްލާމީ ދަންނަބޭކަލުން ފަތުވާ ދެއްވައިފިއެވެ.


އުރުދުންގެ އިސްލާމިކް އެކްޝަން ފްރަންޓް ޕާޓީއަށް ނިސްބަތްވާ އިސްލާމީ ޢިލްމުވެރިން ނެރުއްވި މިފަތްވާ ބުނާގޮތުން އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ގެންދަނީ އަފްޣާން ރައްޔިޔުންނާ އިދިކޮޅު ހަނގުރާމައެކެވެ. އަދި މިއީ އެމެރިކާގެ ސިޔާސީ އަދި އިސްތިޢްމާރީ ބޭނުންތަކެއްގައި ކުރަމުންގެންދާ ޢުދުވާނީ ހަނގުރާމައެކެވެ. އެހެންކަމުން މިހަނގުރާމައަށް އެއްވެސް މަދަދެއް ނުވަތަ އެހީތެރިކަމެއް ދިނުމަކީ އަދި މިހަނގުރާމައިގާ އެމެރިކާއާއެކު ބައިވެރިވުމަކީ އިސްލާމީ ޝަރީޢަތް ޙަރާމްކުރާ ކަމެކެވެ.


އުރުދުންގެ ފުންނާބުއުސް ދީނީ ޢިލްމުވެރިންގެ ބަޔަކު މިގޮތަށް ފަތުވާ މިދިނީ އެމެރިކާގެ ރުހުން ހޯދުމަށްޓަކައި އުރުދުންއިން އަފްޣާން ހަނގުރާމައިގާ އެމެރިކާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާމެދު ވިސްނަމުންދާ ކަމަށް ވިކިލީކްސްއިން ލީކުކޮށްލި އެމެރިކާގެ ސިއްރު ލިޔުމަކުން ހާމަވެފައިވަނިކޮށެވެ. އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމައަކީ ޓެރަރިޒަމާ ދެކޮޅަށްކުރާ ހަނގުރާމައެއް ކަމަށް އެމެރިކާ ބުނިނަމަވެސް މިހަނގުރާމައިގާ އެެމެރިކާއާއި ނޭޓޯގެ އަތްދަށުން މަރުވެ ޒަޚަމްވަމުންދަނީ އަފްޣާނިސްތާނުގެ ރައްޔިތުންނެވެ. ހަލާކުވަމުންދަނީ އަފްޣާނިސްތާނުގެ ޢާންމު ރައްޔިތުންގެ ގެދޮރާއި ޢާންމު މުއައްސަސާތަކެވެ.


އުރުދުންއަކީ އެމެރިކާގެ ނުފޫޒުގެ ދާއިރާގައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރެވޭ ޢަރަބި ޤައުމެކެވެ. އުރުދުންއިން އަފްޣާން ހަނގުރާމައިގާ ޢަސްކަރީގޮތުން ބައިވެރި ނުވިނަމަވެސް އުރުދުންއިން އެމެރިކާ ސިފައިންނަށް ބޭނުންވާ މަދަނީ ބައެއް ޚިދްމަތްތައް ދިނުމަށްޓަކައި އަފްޣާނިސްތާނަށް މަދުޢަދަދެއްގެ ސިފައިން ފޮނުވާފައިވެއެވެ. މިއީ އެމެރިކާ ސިފައިންނަށް ލޮޖިސްޓިކް ސަޕޯޓާއި ސިއްޙީ ބައެއް ފަސޭހަތައް ދެމުން ގެންދާބައެއް ކަމަށް އުރުދުންއިން ބުނެއެވެ. އުރުދުންގެ ސިޔާސީ ހުރިހާ ޕާޓީތަކަކުންނާއި ޖަމްޢިއްޔާ ޖަމާއަތަތަކުން މިދިޔަ އަހަރުވަނީ އަފްޣާން ހަނގުރާމައިގާ އެމެރިކާއަށް އެއްވެސް އެއްބާރުލުމެއް ނުދިނުމަށް ގޮވާލާ ލިޔުމެއްގައި ސޮއިކޮށްފައެވެ.