20 Jan 2014, 09:50
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އަބޫދާބީ އަށް ރޭ ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދު އަބޫދާބީ އަށް ފުރާވަޑައިގެންނެވީ ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ހަނދާނުގައި 2009 ވަނަ އަހަރުން ފެށިގެން އިންތިޒާމް ކުރާ ޒައިދު ފިއުޗާ އެނަރަޖީ ޕްރައިޒްގެ ޕްރައިޒް އެވޯޑިން ޙަފްލާއަށާއި އަބޫދާބީ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޒައިދް ފިއުޗާ އެނާޖީ ޕްރައިޒައަކީ އިއާދަކުރަނިވި ހަކަތަ ބޭނުނުކުރުމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ޓަކައި ޓެކްނޮލޮޖީ އުފެއްދުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ ބައްދަލުވުމެކެވެ.
ނަޝީދު އަކީ ޒައިދު އެނާޖީ ފިއުޗާ ޕްރައިޒްގެ ޖުރީގައި ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ.
އެމަނިކުފާންގެ އިތުރުން ޖޫރީގައި ހިމެނިވަޑައިގަންނަ ވަނީ އައިސްލެންޑުގެ ރައީސް،އާއި ސައުތު ކޮރެއާގެ ކުރީގެ ބޮޑު ވަޒީރާއި ސައުތު އެފްރިކާގެ ޓްރާސްޕޯޓް މިނިސްޓަރުއާއި އައިރީނާގެ ޑިރެކްޓަރު ޖެނެރެލް، މީގެ އިތުރުން އަބޫދާބީގެ ގްލޯބަލް މާކެޓްޕްލޭސްގެ ޗެއާމަން، ވާޖިންގްރޫޕްގެ ފައުންޑާ ރިޗާޑް ބްރޭންސަން އަދި އިންޑިޔާގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ޓާޓާ ޓްރަސްޓްގެ ޗެއާމަން ރަޓަން ޓާޓާ އެވެ.
ރައީސް ނަޝީދުގެ އެ ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު ކަމަށް އެމެނިކުފާންގެ އޮފީހުން ވަނީ ބުނެފަ އެވެ. އަދި ނަޝީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް ހައިކޯޓުން ވެސް ވަނީ ހުއްދަ ނަންގަވައިގެން ކަމަށް ނަޝީދުގެ އޮފީހުން ވަނީ ބުނެފަ އެވެ.