ށ. ފުނަދޫ ވަޑާންގެއަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ތަކެއްޗާ އެކު އެ ރަށުން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް ވެސް އޮންނަ މީހެއް ކަމަށް ފުލުހުންބުނެ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ފޮނަދޫ ވަޑާން ގެއަކުން ގިނަ ޢަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން މިމަހު 18 ވަނަ ދުވަހުގެ ރޭ 23:45 ހާއިރު އެވެ.

އެ ވަޑާންގެއިން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައި ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމާގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އެ ރަށު ގެއެއްގެތެރެއިންނެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޓަކައި ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ މައްސަލަ ށ. ފޮނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.