ކާބުލް (ޖަނަވަރީ 20) މިދިޔަ ހުކުރު ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ރެސްޓޯރެންޓެއްގައި މީހަކު އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ޙަމަލާގެ ފަހަތުގައި ބޭރުގެ އަތެއްވާކަމަށް އަފްޣާން ސަރުކާރުން ތުހުމަތުކޮށްފި އެވެ.

އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއި ރިޔާސަތު ބަލަހައްޓަވާ އެގައުމުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން އިއްޔެ ބުނެފައި ވަނީ ކާބުލްގެ މެދުތެރޭގައި ހުންނަ"މަތްޢަމް ލުބްނާން"ރެސްޓޯރެންޓްގައި މިދިޔަ ހުކުރުދުވަހު ބޮންގޮއްވާލި ބޮމަކީ ތާލިބާނުން އެކަހެރިގޮތެއްގައި ހިންގި ޢަމަލެއްކަމަށް ނުބެލެވޭކަމަށާއި ތާލިބާނުންގެ އިތުރުން ބޭރުގެ އަތެއް ނުވަތަ ރޭވުމެއް އެކަމުގެ އަޑީގައިވާ ކަމަށް ތުހުމަތު ކުރެވޭކަމުގަ އެވެ. ގޮވާތަކެތީގެ ބެލްޓެއް ހަރުކޮށްގެން ހުރި މީހަކު އަމިއްލައަށް މަރުވެގެން ދިން އެޙަމަލާގައި 21 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ އިރު ބޭރުގެ އެންބަސީތަކާއި އދ.ގެ އޮފީސްތައް ހުންނަ އެސަރަހައްދަކީ ކާބުލްގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދައަށް އަޅާފައިވާ އެއް ސަރަހައްދު ކަމަށްވެ އެވެ.

"މަތްޢަމް ލުބްނާން" ރެސްޓޯރެންޓަށް މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާގެ ޒިންމާ އުފުލާފައި ވަނީ ތާލިބާން ޖަމާއަތުންނެވެ. ތާލިބާނުންގެ ތަރްޖަމާން ޛަބީޙުﷲ މުޖާހިދު ވަނީ އެ ޙަމަލާދިނީ އެޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމަށާއި ކާބުލްގައި ތިއްބަވާ ހުޅަނގުގެ ބައެއް ޑިޕްލޮމޭޓުން ވެސް އެޙަމަލާގައިމަރުވިކަމަށްވިދާޅުވެ އޭއެފްޕީ އަށް އީ މެއިލްއެއް ފޮނުއްވާފަ އެވެ.

ކާބުލްގައި ހުންނަ އދ.ގެ އޮފީހުގެ ބައެއްމުވައްޒަފުން އެ ޙަމަލާގައި މަރުވެފައިވާކަން އަފްޣާން ސަލާމަތީ ބާރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ކެނެޑާ މީހަކާއި އެމެރިކާގެ ދެ މީހަކު ހިމެނެ އެވެ."މަތްޢަމް ލުބްނާން" އަށް ދިން ޙަމަލާގައި މަރުވި 21 މީހުންގެ ތެރޭގައި ބޭރުގެ 13 މީހުން ހިމެނެ އެވެ. (ނޫސްއެޖެންސީތައް)