20 Jan 2014, 09:13
ޗެލްސީއަށް ކުޅެމުން އަންނަ ކެމަރޫންގެ ހުނަރުވެރި ފޯވާޑް ސެމުއެލް އެޓޫ ހެދި ހެޓްރިކާއެކު 3-1 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވެއްޖެ އެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޓޫ ކާމިޔާބު ކުރިއިރު، އެޓީމުގެ ދެ ވަނަ އެޓޫ ކާމިޔާބު ކޮށްދިނީ މެޗުގެ 45 ވަނަ މިނެޓުގަ އެވެ. އަދި ރޭގެ މެޗުގައި އެޓޫ ހެޓް ރިކް ހެދި ލަނޑު ފެނިގެން ދިޔައީ މެޗުގެ 49 ވަނަ މިނެޓުގަ އެވެ. މިއީ ފަސްއަހަރަށް ފަހު ސެމުއެލް އެޓޫ ހެދި ފުރަތަމަ ހެޓް ރިކް އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ޗެލްސީކޮލަށް ޖެހި ހަމައެކަނީ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެކްސިކޯގެ ފޯވާޑް ހަވިއޭ ހޭނާންޑޭޒް އެވެ.
ރޭގެމޮޅާއެކު ޗެލްސީ އޮތީ ލީގުގައި މިހަތަނަށް ކުޅުނު 22 މެޗާއެކު ތިންވަނައިގައި 49 ޕޮއިންޓު ހޯދައިގެންނެވެ.
ލީގުގެ އެއް ވަނަ މަގާމްގައި 51 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ލީގުގެ ދެ ވަނަ މަގާމްގައި 50 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ. އަދި ރޭގެ މެޗުން ބަލިވި ޔުނައިޓެޑް އޮތީ 37 ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގަ އެވެ.