19 Jan 2014, 22:14
ޑާކާ (ޖަނަވަރީ 19): ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝައިޚް ހަސީނާގެ ސަރުކާރު ވަރަށް އަވަހަށް ވައްޓާލާނެ ކަމަށް ވިދާޅުވެ އެކަމަނާގެ އެންމެ ބޮޑު ސިޔާސީ ހަތުރުވެރިޔާ އަދި ގައުމުގެ އެންމެ ބޮޑު އިދިކޮޅު ލީޑަރު ބޭގަމް ޚާލިދާ ޒިޔާ ހަސީނާ އަށް ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.
ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރާ ޚާލިދާ ޒިޔާ ވިދާޅުވީ، އެންމެ ފަހުން ބޭއްވި ޕާލަމެންޓްރީ އިންތިޚާބު، އޭނާގެ ޕާޓީއާ އަދި އިދިކޮޅު ބާވީސް ޕާޓީއަކުން ބޮއިކޮޓްކޮށްފައިވަނިކޮށް އިންތިޚާބްގެ ވޯޓް ލުން ކުރިޔަށް ގެންގޮސްފައިވާތީ އާއި އެއިންތިޚާބަކީ މިނިވަން މުސްތަގިއްލު އިންތިޚާބަކަށް ނުވާތީ ހަސީނާގެ ސަރުކާރު ވަރަށް އަވަހަށް ވައްޓާލާނެކަމުގަ އެވެ.
ހަސީނާގެ ސަރުކާރަކީ ބަންގްލަދޭޝްގެ ޝަރުޢީ ސަރުކާރު ކަމުގައި ގަބޫލުނުކުރައްވާނެ ކަމަށާ ހަސީނާ ބެއްލެވުމުގެ ދަށުން އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލުމުގެ އެތައް ޢަމަލުތަކެއް ހިންގާފައި ވާތީ މި މަހުގެ 5ގައި ބޭއްވި އިންތިޚާބަކީ ޞައްޙަ އިންތިޚާބެއްނޫން ކަމަށް ޚާލިދާ ވިދާޅުވި އެވެ. ހަސީނާގެ ސަރުކާރުގެ ބެލުމުގެ ދަށުން މިމަހުގެ 5ގައި ބޭއްވި ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ވެސް ހަސީނާގެ އަވާމީލީގް ޕާޓީންނެވެ. މިގޮތުން އެ އިންތިޚާބުގައި އަވާމީ ލީގުން ވަނީ ޕާލަމެންޓްގެ 232 ގޮނޑި ކާމިޔާބުކޮށްޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދާފަ އެވެ. މިއާއެކު މިދިޔަ ހަފްތާގައި ޝައިޚް ހަސީނާއާއި އޭނާގެ ކެބިނެޓް ވަނީ އާ ދައުރަކަށް މަޤާމުގެ ހުވާ ވެސް ކުރައްވާފަ އެވެ.
ބަންގްލަދޭޝްގެ އާންމު އިންތިޚާބު ބާއްވާފައިމި ވަނީ ބޮޑުވަޒީރުކަމުން ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން އިންތިޚާބު ބޭއްވުމަށް ޚާލިދާ ޒިޔާގެ ބަންގަލަދޭޝް ނެޝަނަލިސްޓް ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ތަކުރާރުކޮށް ގޮވާލަމުން ގެންދަނިކޮށެވެ. ޝައިޚް ހަސީނާގެ ސަރުކާރު މަގުމަތިން ވައްޓާލުމަށް ޓަކައިމާދަމާ ޤައުމީ ފެންވަރުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ ޙަރާކާތްތައް ފަށާނެ ކަމަށާ މިހަރަކާތުގައި އިދިކޮޅު 18 ޕާޓީއަކުން ބައިވެރިވާނެ ކަމުގެ އިންޒާރު ޚާލިދާ ދެއްވި އެވެ. (ރޮއިޓާސް)