ލަންޑަން (ޖަނަވަރީ 19): އިނގިރޭސިވިލާތުގައި ސިގިރެޓް ބޮމުންދިޔަ ޒުވާނުންތަކަކަށް ދުންފަތުގެ އިސްތިޢްމާލު ކުރުމަކީ ސިއްޙަތަށް ގެއްލުންވާ ކަމެއް ކަމަށް ބުނެ ނަސީހަތްދިން މުސްކުޅި އަންހެނަކަށް އެ ޒުވާނުން ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ.

ލަންޑަންގައި ނުކުންނަ '"ޑެއިލީ މެއިލް" ނޫސް ބުނާ ގޮތުން ޖުވާން ނަމަކަށްކިޔާ މިއަންހެން މީހާ އަށް މިހާދިސާ ކުރިމަތިވީ މެންޗެސްޓާ ސިޓީގެ ބާޒާރެއްގަ އެވެ. ދުންފަތުގެ އިސްތިޢްމާލު ކުރުމަކީ ސިއްޙަތަށް ގެއްލުން ހުރި ކަމެއް ކަމަށް ބުނެ އެކަމާ ދުރުވުމަށް އަންހެން މީހާ ނަސީހަތްތެރިވި ކަމަށް ވަނީ މެންޗެސްޓާގެ ބާޒާރެއްގައި ސިގިރެޓް ބޮމުން ދިޔަ ޒުވާނުންތަކަކަށެވެ. މިނަސީހަތާ އެކު އެޒުވާނުންގެ ބައިގަނޑު އަންހެން މީހާއާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި މޫނާއި ހަށިގަނޑުގެ އެތަންމިތަނުގައި ތަޅައި އެންމެފަހުން އަންހެން މީހާ ބިންމައްޗަށް ވައްޓާލައި އޭނާގެ ގައިގާ ކޮޅުފައިން ޖަހައި ވަރަށް ބޮޑަށް އަނިޔާކުރި ކަމަށާ މިކަމުގެ ސަބަބުން އަންހެން މީހާގެ ހަށިގަނޑުގެ އެތަންމިތަން ނޫފައިގެންފައިވާ ކަމަށް'ޑެއިލީ މެއިލް ބުނެ އެވެ.

އެ ޒުވާނުންގެ ފަރާތުން ލިބުނު އަނިޔާތަކާ އެކު ވެސް އަންހެން މީހާ ގެއަށްދިޔައީ ފުލުހުންނަށް ރިޕޯޓް ނުކޮށް ކަމަށްވެ އެވެ. ނަމަވެސް ގެއަށް ދިޔުމާ އެކު އަންހެން މީހާ އޭނާގެ އަންހެން ދަރިފުޅު ކެރިން އަށް މިހާދިސާ ކިޔައިދިނުމުން ކެރިން ފުލުހުންނަށް ރިޕޯޓްކުރުމާ އެކު އަނިޔާކުރި ޒުވާނުން ހޯދުމުގެ މަސައްކަތް މެންޗެސްޓާ ސިޓީގެ ފުލުހުން ކުރިޔަށްގެންދާ ކަމަށް 'ޑެއިލީ މެއިލްބުނެ އެވެ.

ކެރިން އާ ޙަވާލާދީ މިނޫސް ބުނާ ގޮތުންއޭނާގެ މަންމަ އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ނުކުރީ އެކަންކޮށްފި ނަމަ އަނިޔާކުރި ޒުވާނުން އޭނާ ފާހަގަކޮށްގެން ހޯދުމަށް ފަހު އަލުން އަނިޔާކޮށްފާނެ ކަމުގެ ބިރަށެވެ. މިހާދިސާއަށް ފަހު އަންހެން މީހާ ގެއިން ބޭރަށް ނުކުންނަން ބިރުގަންނަ ކަމަށާ އަދި އަނިޔާކުރި ޒުވާނުން އެމީހުންގެ މާމައަށް ނޫނީ މަންމައަށް މިފަދަ އަނިޔާއެއް ކުރުމަށް ރުހޭނެތޯ މަންމަ ސުވާލުކުރި ކަމަށް ކެރިން އާ ޙަވާލާދީ'ޑެއިލީ މެއިލް ބުނެ އެވެ. (ޑެއިލީ މެއިލް)