ގއ. ނިލަންދޫ ހަނދުވަރީ ނަމަކަށް ކިޔާ ދޯންޏަކުން މަސްބާނަން ދިޔުމަށްޓަކައި އެންހިފަން ފޭބި މީހަކު މޫދުގައި ބަހައްޓާފައި ދޯނިފުރައިގެން މަހައްގޮސްފިއެވެ.

މިއަދު ހެނދުނު 06:30 ހާއިރު ހިނގި އެ ހާދިސާގައި އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހަނދުވަރީ ދޯނި މީހުންނަށް އޭނާ ނެތްކަން އެނގިފައިވަނީ މަސްބާނަން ފެށި ގަޑީގައި އޭނާ ނެތުމުން މުޅީ ދޯނި ހޯދިއިރުވެސް އޭނާ ދޯނީގައި ފެންނަން ނެތުމުންނެވެ. އަދި އެވަގުތު ރަށު ކައުންސިލަށް އެކަން އެންގުމުން ކައުންސިލުން ވަނީ ފުލުހުންނަށްވެސް އެކަން ރިޕޯޓްކޮއްފައެވެ.

އެމީހާއާއި ހަވާލާދީ "ސަން" އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސްވަނީ އެކަން ހިނގި ގޮތް ސަން އަށް ކިޔައިދެއްވާފައެވެ. އޭނާ ވިދާޅުވީ އެ ދޯނިން އެގަޑީގައި ޖުމްލަ 12 މީހުން މޫދަށް ފައިބައިގެން އުޅުނުކަމުގައެވެ. ނަމަވެސް އެންމެން މައްޗަށް އެރިވަގުތު އޭނާ އިތުރު މަސްތަކެއް ފެނިގެން އަޑިޔަށް ގޮސްފައިވާ ކަމަށާއި މައްޗައް އެރި އިރު ދޯނިފުރައިގެން ގޮސްފައިވާ ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އޭނާ އެވަގުތު އެތަނާ ކައިރީގައި އޮތް ފަރަކަށް އަރާފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް ދެ ގަޑިއިރުފަހުން އެތަނުން ދަތުރު ކޮށްފައިދިޔަ ދޯންޏެއްގެ އެހީގައި އެ ދޯނި ދަތުރުކުރި ރިސޯޓަށް އޭނާ ގެންގޮސްފައިވާ ކަމަށެވެ.

މިހާރު ނިލަންދޫގެ ލޯންޗެއްގައި އޭނާ ނިލަންދޫއަށް ގެނެސްފައިވާކަމަށާއި އޭނާ ހުރީ ހެޔޮހާލުގައި ގަދަވެ ސަލާމަތުންކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.