އިމިގްރޭޝަންގެ ވޯކް ވިސާ ބަލައިގަންނަ އޮފީސް ސަރުކާރު މުވައްޒަފުންގެ ނާދީން ކުރީގެ އަސަރީ ކެފޭ ހުރި އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ވޯކް ވިސާ ހިފަހައްޓާފައިވާ ބައެއް ބިދޭސީން ލައްވައި ކުރުވަމުން އެބަގެންދެ އެވެ.


އިމިގްރޭޝަންގެ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު މިއަދު ވިދާޅުވީ ސަރުކާރު ނާދީގައި ހުރި އިމިގްރޭޝަންގެ ވޯކް ވިސާ އާ ބެހޭ އޮފީސް، މާފަންނު އަމީނީމަގުގައި ކުރިން އަސަރީ ކެފޭ ހިންގި އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް އިމްގްރޭޝަނުން މިއަދު ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ އޮފީސް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އިމިގްރޭޝަނުން ވޯކް ވިސާ ހިފަހައްޓާފައި ތިބި ބައެއް ބިދޭސީން ވެސް ބައިވެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމީހުން މަސައްކަތް ކުރަނީ އެ މީހުންކުރާ މަސައްކަތަށް އިމިގްރޭޝަނުން އަގު ދައްކާ ގޮތަށް ކަމަށެވެ. ނަމަވެސް އެއީ ކުރުން ހުއްދަ ކަމެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ސުވާލު ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލިއާސް ހުސެންއާ ކުރުމަ މަށެވެ.


"ވޯކްވިސާ އާއި އެއްޗެހި ބަލައިގަންނަ އޮފީސް ކުރީގެ އަސަރީ ކެފޭ ހިނގި އިމާރާތައް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަނީ. އޭގެ ބައެއް މީހުން ވެސް [ވޯކް ވިސާ ހިފަހައްޓާފައި ތިބި ބިދޭސީން] މަސައްކަތް ކުރަމުން އެބަގެންދޭ އަގުދޭގޮތަށް. ހުއްދަ ދެވޭނެ ކަމައް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށް ނުދެންނެވޭނެ. ކޮންޓްރޯލާ އާ ގުޅުއްވައިގެން ސަފުކޮށްލައްވާ." އާދަމް ނަސީރު ވިދާޅުވި އެވެ.


ސަން އޮންލައިނުން ގުޅުމުން އިލިޔާސް ވިދާޅުވީ އިމިގްރޭޝަނުގެ އެއްވެސް އޮފީހެއް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ނާދީގައި ހުރި އިމިގްރޭޝަންގެ އިމާރާތުގައި ފްލެޓް އެޅުމަށް ނިންމާފައި ވާތީ އެތަނުން އަންނަ ޖެނުއަރީގެ ކުރިން ނުކުތުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


"ނާދީ [ސަރުކާރު މުވައްޒަފުންގެ ނާދީ] އަކީ ފްލެޓް އަޅަން ހަމަޖެހިފައި އޮތް ބިމެއް. އެހެންވީމާ އެތަނުން އަޅުގަނޑުމެންނަށް ޖެނުއަރީގެ ނިޔަލަށް ނުކުތުމަށް އަންގާފައި އޮންނަތާ ދުވަސްކޮޅެއްވެއްޖެ. އެއީ ނުކުމެގެން އުޅޭ އަޑަކީ. އަދި ބަދަލުވާކަށް ނޫޅެން އަޅުގަނޑުމެންނެއް." އިލިޔާސް ވިދާޅުވި އެވެ.


ސަން އޮންލައިނުގެ ނޫސްވެރިން އަސަރީ ކެފޭ ކުރިން ހިންގި އިމާރާތް ދޮށަށް ދިޔައިރު އެ ސަރަހައްދުގައި ހަތް ބިދޭސީ އަކު އެ އިމާތާރް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދެ އެވެ. އަދި އިމިގްރޭޝަންގެ ޔުނީފޯމުގައި ތިބި ދެ އޮފިސަރުން ވެސް އެ ސަރަހައްދުގައި އެމީހުން މަސައްކަތް ކުރާ މަންޒަރު ބެލެހެއްޓުމަށް ތިއްބެވެ.