އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ސާފު މެޖޯރިޓީ ލިބޭނީ ސަރުކާރާއި ގުޅިފައިވާ ޕާޓީތަކުގެ ޕްރޮގްރެސިވް ކޯލިޝަނަށް ކަމަށާއި އިދިކޮޅު އެމްޑީޕީއަކަށް ޖުމްލަ މެޖޯރިޓީއެއް ނުލިބޭ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު މެންދުރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅު އެމްޑީޕީ އަށް ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ލިބުނު ނަމަވެސް ރަސްމީ ނަތީޖާ އިން ކޯލިޝަން މެޖޯރިޓީ ނަގާނެ ކަމަށެވެ.

"ރަސްމީ ނަތީޖާ އިއުލާން ކުރެވިގެންދާ އިރު ތަފާތު ބޮޑުކޮށް އަޅުނގަޑުމެން ކޯލިޝަނުން އޮންނާނީ މެޖޯރިޓީ ނަގާފައި. ހަމަ އެގޮތަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ކޯލިޝަންގެ ފަރާތުން ސާފު އަގުލަބިއްޔަތު ނަގާނަން،" އަބްދުއްރަހީމު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބިފައިވާ ކަމަށް ބުނެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދު އެ ވާހަކަ ދެއްކެވީ ގައުމު ހަލަބޮލި ކުރުވައި ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމަށް ކަމަށެވެ. އަދި އެކަންތައް އިލެކްޝަންސް ކޮމިޝަނުން ބެލުމަށް އޭނާ ގޮވާލެއްވި އެވެ.

"މި އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އީސީއަކުން އިއުލާނެއް ނުކުރައްވާ. އެހެން އޮތްވާ އެގޮތަށް ވިދާޅުވުމަކީ ހިތާމަކުރާ އަދި ކަންބޮޑުވާ ކަމެއް. އަދި އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން އެފަދަ ކަންތައްތައް ސިޔާސީ ފަރާތްތަކަށް ނުކުރެވޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރަން،" އަދުރޭ ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަބްދުއްރަހީމު ވަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ސަރުކާރު ބަދަލުކުރެވޭނެ ކަމަށް ރޭ ރައީސް ނަޝީދު ދެއްކެވި ވާހަކައަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ އެ ވާހަކަތައް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން ހުއްޓުވުމަށް އެދިވަޑައިގެންފަ އެވެ.

އަދުރޭ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްތަކަށް ދީފައިވާ ބާރާއި އިހްތިޔާރު ހިފަހައްޓާފައިވުމުން ވޭތުވެ ދިޔަ ތިން އަހަރު ކައުންސިލްތަކަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ. އަދި ވޯޓުލާން ދިޔަ މީހުންގެ ނިސްބަތް މަދުވެފައި ވަނީ އެ ކައުންސިލްތަކާ ދޭތެރޭގައި ރައްޔިތުން މާޔޫސްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ގޮނޑިއަށް ގަލޮޅު ދެކުނު ދާއިރާއިންނާއި ވިލިމާފަންނު ދާއިރާ އިން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބު ނުކުރެވުނީ ޕީޕީއެމަށް ތާއީދު ކުޑަވެގެން ނޫން ކަމަށާއި އެދެވޭ ވަރަށް މަސައްކަތް ނުކުރެވިގެން ކަމަށެވެ. ނަމަވެސް މަޖިލީހުގެ އިންތިހާބުގައި އެ ދެ ގޮނޑި ﷲގެ ރަހުމަތްފުޅާ އެކު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.