19 Jan 2014, 15:15
ރާއްޖޭގައި އޮތް ހަމަ އެކަނި ދެ ސިޓީގެ ސިޓީ ކައުންސިލްގެ ކޮންޓްރޯލް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އަށް އަނެއްކާ ވެސް ލިބިއްޖެ އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 10 ގޮނޑީގެ ތެރެއިން ހަތް ގޮނޑިއާ އެކު އެމްޑީޕީ އަށް މެޖޯރިޓީ ލިބިފައިވާ އިރު އައްޑޫ ސިޓީގެ ހަ ގޮނޑި ވެސް ކާމިޔާބު ކުރީ އެ ޕާޓީންނެވެ.
މާލޭ ސިޓީގެ 10 ދާއިރާގެ ތެރެއިން ހަތް ދާއިރާ އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރި އިރު ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީ އަށް އޮތް ތިން ދާއިރާއެއް އެޕާޓީ އަށް ވަނީ ގެއްލިފަ އެވެ. އެއީ ހުޅުހެންވޭރާއި މެދުހެންވޭރާއި މައްޗަން ގޮޅި އެވެ. އެހެން ނަމަވެސް ކުރިން އެމްޑީޕީއާ ދެކޮޅު ޕާޓީތަކުން ކޮންޓްރޯލް ކުރި ދެ ދާއިރާއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ ވިލި މާފަންނާއި ގަލޮޅު ދެކުނެވެ.
މާލޭ ސިޓީ އަށް އަލަށް އިތުރުވި މާފަންނު އުތުރު ދާއިރާ ވަނީ ވޯޓަކާ ނުލައި އެމްޑީޕީއަށް ލިބިފަ އެވެ. އެ ދާއިރާ އަށް ކުރިމަތި ލެއްވި ހަމައެކަނި ކެންޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ މުހައްމަދު ޝިހާބެވެ.
އެމްޑީޕީން ވަނީ އެޕާޓީ އަށް މި އިންތިހާބުގެ ސާފު އަޣުލަބިއްޔަތު ލިބޭނެ ކަމަށް ރޭ ބުނެފަ އެވެ. ނަތީޖާތައް ރަނގަޅަށް ސާފު ނުވަނީސް ރޭ ބޭއްވި ނޫސްކޮންފަރެންސެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ވާދަކުރި 900 ކެންޑިޑޭޓުންގެ ތެރެއިން 700 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ފެންނަ ފެނުމުގައި މިދެންނެވި 2462 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ސާފު އަޣުލަބިއްޔަތެއް ލިބިގެންދާނެ. ޕާޓީގެ ފަރާތުން ވާދަ މިކުރަނީ 901 ގޮނޑިއަށް، ނުވަތަ 900 ގޮނޑިއަށް، އަޅުގަނޑުމެން ދެކޭ ގޮތުގައި އެ 900 ގޮނޑީގެ ތެރެއިން ރަނގަޅު 700 ގޮނޑި އިރާދަކުރެއްވިއްޔާ އެމްޑީޕީ އަށް ކާމިޔާބުވެގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ ސިޓީގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލުނު ނަމަވެސް ގިނަ އަތޮޅު ކައުންސިލްތަކާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ ލިބޭނީ ޕްރޮގްރެސިވް ކޯލިޝަނަށް ކަމަށެވެ.