ކަރުނައިގައި ހަކުރު ހުންނަ މިންވަރު ޓެސްޓުކޮށް އަންގައިދޭ “ސްމާޓް ކޮންޓެކްޓް ލެންސް” އެއް ތަހުލީލު ކުރަމުން އަންނަ ކަމަށް ގޫގުލް އިން ބުނެފި އެވެ.

ލޮލަށް ލައްވާލެވޭ މި ކޮންޓެކްޓް ލެންސް އިން އިންސާނާގެ ގައިގައި ހަކުރު (ގްލޫކޯޒް) ހުރި މިންވަރު ދެނެގަންނަނީ އޭގައި ހަރުކޮށްފައިވާ ކުދިކުދި ވަޔަލެސް ޗިޕްތަކަކާ ސެންސަރ ތަކެއްގެ އެހީގައެވެ. ގޫގުލް އިން ބުނިގޮތުގައި މިއީ ޑައަބީޓީސް ނުވަތަ ހަކުރު ބަލި ހުންނަ މީހުންނަށް އެމީހުންގެ ގައިގައި ހަކުރު ހުރި ވަރު ދެނެގަތުމަށް ވަރަށް މުހިއްމު އެއްޗަކަށް ވެގެން ދާނެއެވެ.

އެ ކުންފުނިން ބުނީ މީހެއްގެ ގައިގައި ހަކުރު ހުންނަ ވަރު ސިކުންތަކު އެއް ފަހަރު މި ލެންސުން ޗެކް ކުރާނެ ކަމަށެވެ. އަދި ހަކުރު މާބޮޑަށް ދައްވާނަމަ، ނުވަތަ މަތިވާނަމަ، ލެންސުގައި ހުންނަ ކުޑަކުޑަ އެލްއީޑީ ލައިޓަކުން އެ މީހާއަށް ސިގްނަލްކޮށް އަންގައިދޭނެ ކަމަށްވެސް ގޫގުލްއިން ބުންޏެވެ.

މިހާރު ހަކުރު ބަލި ހުންނަ މީހުން ހަކުރު ޓެސްޓްކޮށް ހަދަނީ ގައިން ލޭކޮޅެއް ނަގައިގެންނެވެ. ޓެސްޓް ކުރަން ބޭނުންވާ ކޮންމެ ފަހަރަކު އިންގިލި ކުރިއަށް ޕިންއެއް ފަދަ އެއްޗެއް ހަރާލައި، ލޭ ތިއްކެއް ނެގުމަށް ފަހު ހަކުރު ބަލާ މެޝިނުގެ ސްޓްރިޕްގައި ޖެއްސުމުން ގައިގައި ހަކުރު ހުންނަ މިންވަރު ދައްކައިދެއެވެ. ނަމަވެސް މިއީ ކުރާ ކޮންމެ ފަހަރަކު ކޮންމެވެސް ވަރެއްގެ ތަދެއް ތަހައްމަލު ކުރަންޖެހޭ ކަމެކެވެ. އަދި ހަކުރު ހުރި މިންވަރު ބަލަން ބޭނުންވާ ކޮންމެ ފަހަރަކު އޭގެ މެޝިނެއްވެސް ކައިރީގައި އޮންނަން ޖެހެއެވެ.

ގޫގުލްއިން ތަހުލީލު ކުރަމުން އަންނަ މި ލެންސަށް ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ ދެ ސަބަބަކަށް ޓަކައެވެ. އެއް ކަމަކީ ކޮންޓެކްޓް ލެންސަކީ އާންމު ގޮތެއްގައި ލޮލަށް ލައްވައިގެން އުޅޭ އެއްޗަކަށް ވުމުން ބޭނުން ކުރާ މީހާއަށް އުނދަގުލެއް ނުވަތަ ތަދެއް އިހުސާސް ކުރާކަށް ނުޖެހޭކަމެވެ. ދެވަނަ ކަމަކީ މި ލެންސް ލައްވައިގެން ހުންނަ އިރު ސިކުންތަކު އެއްފަހަރު ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު އެއިން އަންގައިދޭނަމަ، ހަކުރު ބަލާ މެޝިނެއް އަތުގައި އޮންނާކަށް ނުވަތަ ދަބަހަށްލައިގެން އުޅޭކަށް ނުޖެހޭނެއެވެ.

ގޫގުލްއިން ބުނިގޮތުގައި މި ޓެކްނޮލޮޖީ އަދި ވަނީ ތަހުލީލީ މަރުހަލާގައެވެ. އަދި މި ޓެކްނޮލޮޖީ އާއްމުންގެ ތެރެއަށް ނެރުމަށްޓަކައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ގޫގުލްއިން ބުނީ މި ޓެކްނޮލޮޖީ އާއްމުންނަށް ވިއްކާނީ މެޑިކަލް އިންޑަސްޓްރީއަށް ސާމާނު ހަދާ ކުންފުނިތަކުން ކަމަށެވެ. އެހެންކަމުން މި ޓެކްނޮލޮޖީ އާއްމުންނާ ހިސާބަށް އަންނަން އަހަރުތަކެއް ނަގާފާނެ އެވެ.

2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ ކޮންމެ ދިހަ މީހަކުން އެކެއްގެ ގައިގައި ހަކުރު ބަލި ހުންނާނެ ކަމަށް ބައިނަލްއަގުވާމީ ޑައަބީޓީޒް ފެޑަރޭޝަނުން ލަފާކުރެއެވެ.