19 Jan 2014, 13:24
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ ދެ ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި 2-2 އިން މެޗު އެއްވަރު ކޮށްގެން ބަލިނުވެ ލިވަޕޫލް ސަލާމަތް ވެއްޖެ އެވެ.
ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު އެމެޗުގައި ވިލާއަށް ކުރި ހޯދައިދިނީ، މެޗުގެ 25 ވަނަ މިނިޓުގައި އެންޑްރިއަސް ވީމަން އެވެ. އަދި 36 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ބެންޓެކޭ އެވެ.
ލިވަޕޫލްގެ ފަރާތުން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނިފައި ނުވިނަމަވެސް އެ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޑެނިއެލް ސްޓްރިޖް އެވެ. އަދި ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަކޮށްދިން ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން 53 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސްޓީވެން ޖެރާޑް އެވެ.
މި ނަތީޖާއާ އެކު ލިވަޕޫލު މިހާރު އޮތީ 22 މެޗު ކުޅެގެން ހޯދާފައިވާ 43 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރު ވަނައިގަ އެވެ. 22 ޕޮއިންޓާއެކު އެސްޓަންވިލާ އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. ތާވަލުގެ އެއްވަނައިގައި 51 ޕޮއިންޓާއެކު އާސެނަލް އޮތްއިރު 50 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ.
މެޗަށްފަހު ވިލާގެ ކޯޗު ޕައުލް ލަމްބާޓް ބުނީ އޭނާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެއް ކަމަށާއި އަދި މި މެޗުގެ ފުރަތަމަ ހާފުގައި ތިނެއް ނުވަތަ ހަތަރު ލަނޑު އެޓީމަށް ކާމިޔާބު ކުރެވެން ޖެހޭނޭ ކަމަށް ގަބޫލު ކުރާކަމަށެވެ.
ލިވަޕޫލުގެ ކޯޗު ބްރެންޑަން ރޮޖާސް ވެސް ވަނީ ވިލާގެ ކުޅުންތެރިންނަށް ތައުރީފް ކޮށްފަ އެވެ. އެގޮތުން ރޮޖާސް ބުނީ، ވިލާގެ ބެންޓެކޭ އަކީ ހަގީގަތުގައި ވެސް އިދިކޮޅު ޓީމަށް ހުރި ނުރައްކަލެއް ކަމަށެވެ.
ރޮޖާސް އިތުރަށް ފާހަގަކުރި ގޮތުގައި އެޓީމަށް ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވުމުގެ ސަބަބުން ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހުނެވެ. އަދި އެ ބަދަލުތަކާ އެކު ފަހު ހާފުގައި އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ހަމަހަމަ ކުރުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށްވެސް ރޮޖާސް ބުންޏެވެ.
އިނގިރޭސި ލީގުގައި މިއަދުވެސް ދެމެޗު ކުޅޭނެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ސްވަންސިޓީއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ނުކުންނައިރު ދެވަނަ މެޗުގައި ވާދަކުރާނީ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 9:00ގަ އެވެ.