ލަސްތަކެއް ނުވެ ސަރުކާރު ހިންގުމާ އެމްޑީޕީ އިން ހަވާލުވާނޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ރޭ ދައްކަވާފައިވާ ވާހަކަތަކީ "މާޔޫސް ވެފައިވާ އެމްޑީޕީ" އަށް ފޯރިއެއް ގެނައުމަށް ދައްކާފައިވާ ކަންބޮޑުވާ ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަތަކަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ ވާހަކަތަކެއް ކަމަށެވެ. އަދި ގަބޫލު ކުރެއްވޭ ގޮތުގައި އެއީ "ހަގީގަތަކީ އެމްޑީޕީ މާޔޫސް ވެފައި ނޫނީ ވަރަށް ދަށް ވެފައި މިހާރު ވަނީ، އެހެންވެ އެ ޕާޓީގެ ސަޕޯޓަރުން ހިތްހަމަޖެއްސުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވެނީ،" ކަމަށް މުއާޒް ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރެވޭ ކިތަންމެ ގޮތެއް އެބަވާ" ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވަރަށް މަދު ނަތީޖާއަކަށް ބަލައި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވައިގެން ކަމަށް މުއާޒް ވިދާޅުވި އެވެ. މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގާ ކޯލިޝަން އިން ބޮޑު ތައްޔާރީއެއް ވަމުންދާ އިރު މިހާތަނަށް ލިބުނު ނަތީޖާތަކުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ބޮޑު ތާއީދެއް ލިބެމުންދާ ކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްކަމުން ދައުލަތުން ނަޝީދަށް ދެއްވާ އިޔާޔަތްތައް ދެއްވަމުން ދަނީ ގައުމުގައި "ހަމަނުޖެހުން ހިންގައި" ނުވަތަ "ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން" ނޫން ކަމަށެވެ. ދިވެހި ރައްޔިތުން އެމްޑީޕީ ވެރިކަމުގައި ނެތުމުން ކަންބޮޑު ނުވާ ކަމަށާއި ރައްޔިތުން އެދެނީ ތަރައްގީ ކަމަށް މުއާޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދާއި ނުވަތަ އެމްޑީޕީ އާއި ޖައްސާލައިގެން ކަންކަން ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވެފައި ވަނީ "ރާއްޖޭގެ ރައްޔިތުން އަދިވެސް އެދެނީ އެމްޑީޕީގެ ވެރިކަމަކަށް، މިރާއްޖޭގެ ކަންކަން އެމްޑީޕީގެ ފަލްސަފާއާއި އުސޫލުގައި ކުރިއަށް ދިއުމަށް، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދަންނަވަން އޮތީ މާޔޫސްވެ ނުލައްވާށޭ، އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އަޅުގަނޑުމެން ސަރުކާރު ހިންގުމާ ވެސް ހަވާލުވާނޭ،" ކަމަށެވެ.

"ސަރުކާރު ހިންގުމާ ވަރަށް އަވަހަށް ހަވާލުވާނެ ކަމަށް ވިދާޅުވީ ކޮން މާނައެއްގައިތޯ" ނޫސްވެރިއަކު ދެންނެވުމުން ނަޝީދު ވިދާޅުވީ "ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރެވޭ ކިތަންމެ ގޮތެއް އެބަވާ" ކަމަށެވެ. ".. ގާނޫނީ ގޮތުން މިއޮންނަނީ ރައްޔިތުންގެ އަޣުލަބިއްޔަތާ ތާއީދު ލިބުނީމާ ސަރުކާރެއް ހިންގަން ތިބުމަށް. ދެން އެނގިވަޑައިގަންނަވާނެ ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރެވޭނެ ކިތަންމެ ގޮތެއް އެބަވޭ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަން އެބަ ކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.