ޓޫރިޒަމްގެ ސީދާ ފައިދާ މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ތ. އަތޮޅުގައި ފުތަމަ ފަހަރަށް ޓޫރިސްޓް ރިސޯޓެއް ހުޅުވައިފި އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އަލަށް ހުޅުވި މި ރިސޯޓުގެ މުވައްޒަފުންގެ 60 ޕަސެންޓް މީހުންނަކީ ތަމްރީނު ލިބިފައިވާ ދިވެހިން ކަމުގައި ހަމަޖެއްސުމަށް އެރިސޯޓުން ވަނީ ނިންމައިފަ އެވެ.

ދުނިޔޭގެ މަޝްހޫރު ރިސޯޓްސް އަދި ހޮޓެލް ބްރޭންޑެއް ކަމަށްވާ ކޮމޯ ހޮޓެލްސް އިން ތ. މާލިފުށީގައި ހަދާފައިވާ ރިސޯޓް ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ތ. ގުރައިދޫ އާއި އެއްފަޅެއްގެ ތެރޭގައި އެރަށާޖެހިގެން އެއް ރަށް ދޫކޮށް އޮންނަ މާލިފުށިގައި ހަދާފައިވާ ރިސޯޓަކީ 65 އެނދުގެ ރިސޯޓެކެވެ. އެގޮތުން ރަށުތެރޭގައި 33 ކޮޓަރި ގާއިމްކޮށްފައިވާ އިރު ބާކީ 32 ކޮޓަރި ގާއިމްކޮށްފައި ވަނީ މޫދުތެރޭގަ އެވެ. ރިސޯޓް ހުޅުވިތާ ތިން ދުވަސްވީ އިރު މިހާރު ވެސް އެ ރިސޯޓުގެ 33 ޕަސެންޓް ބެޑް "އޮކިއުޕައި" ކަމަށްވެ އެވެ.

ތ. އަތޮޅުގައި ފުރަތަމަ ފަހަރަށް ހުޅުވި އެއާޕޯޓް އޮންނަ ތިމަރަފުށްޓާއި ގާތްގަނޑަކަށް 20 ވަރަކަށް މިނިޓު ދުރުގައި އޮންނަ މާލިފުށްޓަށް ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައި ވަނީ ރާއްޖޭގެ މަޝްހޫރު ސަގާފީ ކުޅިވަރެއް ކަމަށްވާ ބޮޑުބެރުގެ ކުލަގަދަ ހަފްލާއަކާ އެކު އެވެ.

ލަގްޒަރީ މާކެޓަށް ހާއްސަކޮށްގެން ހުޅުވާފައިވާ މި ރިސޯޓަކީ، ކޯމޯއިން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓެވެ. އެގޮތުން މާލެ އަތޮޅު ކޮކޯ އައިލެންޑް ރިސޯޓަކީ އެ ކުންފުނިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

ކޮޅުމަޑުލުގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުވިފައިވާ އިރު އެއަތޮޅުގައި މީގެ ކުރިން ވެސް ރިސޯޓު ހެދުމަށް ރަށްތަކެއް ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ކިނބިދޫ ކައިރީގައި އޮންނަ އެލާ ކިޔާ ފަޅުރަށަކާއި، މަޑިފުށީ ކައިރީގައި އޮންނަ ކަޅުފަހަލަ ފުށި ހިމެނެ އެވެ. އެހެން ނަމަވެސް އެތަކެއް އަހަރުތަކެއް ފާއިތުވެގެން ދިޔައިރު ވެސް އަދިވެސް މިއިން ރަށެއްގައި ރިސޯޓެއް ތަރައްގީ ކޮށްފައެއް ނުވެ އެވެ.