19 Jan 2014, 12:01
ކުރީގެ ސަދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ ބޯޑް ޑައިރެކްޓަރަކާ ދެކޮޅަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނު( އޭސީސީ) އިން ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލުމަށް ޕްރޮސެކިއުޓަ ޖެނެރަލް ( ޕީޖީ) އޮފީހަށް ފޮނުވީ ސަދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ ބޯޑް ޑައިރެކްޓަރު ކަމުގައި ކުރިން ހުރި ސ. ހިތަދޫ ބިންމާ އިބްރާހީމް ޞަބްރީއާ ދެކޮޅަށް ކަމަށެވެ.
އަދި ބުނީ ސަބްރީއާ ދެކޮޅަށް ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ކަމަށެވެ.
އޭސީސީން ބުނީ ސަދަން ހެލްތު ސާވިސް ކޯޕަރޭޝަނުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އަށް ކޮޓަރި އެޅުމުގެ މަސައްކަތް އެއްވެސް މައުލޫމާތެއް ނުދީ ބަޔަކާ ހަވާލުކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށައެޅި މައްސަލައެއް ބެލި އިރު އޭނާ އެގޮތަށް އަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފައި ވަނީ ސަބްރީގެ އަމުރަށް ކަން ހެކިންގެ ހެކި ބަހާއި އޭނާ ދިން ބަޔާނުން ސާބިތުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ސަދަން ހެލްތުސާވިސް ކޯޕަރޭޝަނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދެވި ކޯޕަރޭޝަނެކެވެ. އެކޯޕަރޭޝަން މިހާރު ވަނީ އުވާލައިފަ އެވެ.