އޮޑިޓާ ޖެނެރަލް އޮފީހުން މިހާތަނަށް ނެރެފައިވާ ރިޕޯޓް ތަކަކީ "ފޫނެއްފަޔަށް ފެން ފުރުން" ކަހަލަ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އިބްރާހިމް އެއްބަސްވެވަޑައިގެންފި އެވެ.

ދައުލަތައް ހިޔާނާތްތެރިވެފައިވާ މީހުންނާއި އެމީހުން ހިޔާނާތްވެފައިވާ ފައިސާގެ ބޮޑެތި އަދަދުތައް ހާމަކުރަމުން އޮޑިޓް އޮފީހުން ދޭތެރެދޭތެރެއިން ދަނީ ގިނަ އޮޑިޓް ރިޕޯޓްތަކެއް ނެރެމުންނެވެ. ނަމަވެސް ހަގީގަތަކީ އެއީ ހަމައެކަނި ލިޔެފައި އޮންނަ ލިޔުމެއް ކަމެވެ. ހިޔާނާތްތެރިވި ފަރާތްތަކަށް ދޭންޖެހޭ އަދަބު އޮންނަނީ ނުދެވި އެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން އިތުރުފިޔަވަޅެއް ނޭޅޭ ކަމަށާއި ގިނަ ބަޔަކު ދެކޭ ފަދައިން "އޮޑިޓާ ޖެނެރަލް ނެރުއްވާ އޮޑިޓް ރިޕޯޓަކީ ފޫނެއް ފަޔަށް ފެންފުރުން ކަމަށް ގަބޫލުކުރައްވަންތޯ" ގައުމީ ޓީވީ ޗެނަލުން ހުކުރު ދުވަހު ގެނެސްދިން ހޭޔަންބޯ ޕްރޮގުރާމުގައި އެޕުރޮގުރާމްގެ ޕްރެޒެންޓަރު ސުވާލުކުރުމުން އޮޑިޓާ ޖެނެރަލް ނިޔާޒް ވިދާޅުވީ "މިހާތަނަށް ކަންތައްތައް ވެފައިވަނީ ތި ވިދާޅުވިގޮތަށް، (ފޫނެއް ފަޔަށް ފެންފުރާ ގޮތަށް). މިގޮތަށް މިކަންތައްތައް ހިނގަނީ ދައުލަތުގެ ތެރޭގައި ޕަބްލިކް އެކައުންޓަބިލިޓީ ޕްރޮސެސްގެ ކަންތައްތައް ރޭވިފައިވާގޮތަށް ބަލާއިރު އެ ހުރިހާ ގުނަވަނަކުން މަސައްކަތް ކުރަންޖެހޭ ގޮތުގައި މަސައްކަތް ނުކުރެވުމުގެ ސަބަބުން" ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތަކީ މިނިވަންކަމާއެކު މުއައްސަސާތައް އޮޑިޓްކޮށް ހާމަކުރުން ކަމަށާއި ގާނޫނު ބުނާގޮތުން ދައުވާ ކުރުމަކީ މައިގަނޑު ގޮތެއްގައި އޮޑިޓް އޮފީހުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ވިދާޅުވީ އެ އޮފީހަށް ފަންނީ ދަތިތައް އެބަހުރި ކަމަށެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ކުރެވެމުންދަނީ އެންމެ ބޭނުން ފެންވަރެއްގައި އަދި އެންމެ ރަނގަޅު ސްޕީޑުގައި ނޫން ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

އޮޑީޓާ ރިޕޯޓްތަކަކީ "ޓައިމްބޮމް" ކަމަށް ބައެއް މީހުން ސިފަކުރާއިރު އެކަމާއި ގުޅިގެން އޮޑިޓާ ޖެނެރަލް ވިދާޅުވީ އޮޑިޓް އޮފީހުގެ މަސައްކަތްތަކަކީ ވަކި ވަގުތަކަށް ބަލައިގެން ކުރާ މަސައްކަތްތަކެއް ނޫން ކަމަށާއި އާންމުގޮތެއްގައި އެއޮފީހުން އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރަނީ ކުރިން އެކުލަވާލާ އަދި މަޖިލީހުގެ ކޮމެޓީއަށް ފޮނުއްވާފައިވާ ޓޭބަލަކަށް ކަމަށެވެ.

ދައުލަތުގެ "މަތިފަޑީގައި" އޮޑިޓާ ޖެނެރަލްގެ އާއިލާ މެމްބަރެއް އުޅުއްވާތޯ ސުވާލުކުރުމުން ނިޔާޒު ވިދާޅުވީ އޭނާ އަކީ ގދ. ތިނަދޫގެ ވަރަށް އާދައިގެ އާއިލާއަކަށް އުފަން މީހެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ އެފަދަ މަގާމެއްގައި އޭނާއަށް ނުފޫޒު ފޯރުވޭވަރުގެ އެއްވެސް މީހަކު ނޫޅޭ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ އޮޑިޓް އޮފީހަކީ މިނިވަން ތަނަކަށް ހެއްދެވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެނދަވާ ކަމަށާއި އޮޑީޓާ ޖެނެރަލް އަކީ އަދި އޮޑިޓް އޮފިހަކީވެސް މިނިވަން ތަނެއް ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.