ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް، ސްރީލަންކާ އަށް ފުރަމާނަ ދަތުރުފުޅުގައި އަންނަ އަންގާރަ ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަނިކުފާނުގެ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށާއި އެނބުރި ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސްރީލަންކާގެ ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޖާފަތެއް ވެސް އޮންނާނެ އެވެ. ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާ، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ އެވެ. އަދި ސްރީލަންކާގެ ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްރީލަންކާ – މޯލްޑިވްސް ބިޒްނަސް ކައުންސިލުން އިންތިޒާމްކޮށްގެން، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރްޞަތުތައް ފުޅާކުރުމާއި ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ބިޒްނަސް ފޯރަމެއް ބާއްވަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ފޯރަމްގައި ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރީގެ ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.