13 Dec 2010, 12:50
ސްވިޑެންގެ ވެރިރަށް ސްޓޮކްހަމް ޓެރަރިސްޓް ޙަމަލާއަކުން ސަލާމަތް ކުރެވިއްޖެ ކަމަށް އެޤައުމުން ބުނެފިއެވެ.
ސްވިޑްންގެ ޚާރިޖީ ވަޒީރު ވިދާޅުވީ އޭނާގެ ޤައުމު ބޮޑުވެގެންވާ ޓެރަރިސްޓް ޙަމަލާއަކުން ސަލާމަތް ކުރެވިއްޖެ ކަމަށާއި ސްޓޮކްހަމްގެ ވިޔަފާރި ސަރަޙައްދުގައި އިއްޔެ ގޮއްވާލި ބާރުގަދަ ދެ އެއްޗަކީ ބޮޑުވެގެންވާ ޓެރަރިސްޓް ޙަމަލާއެއްގެ ސިގްނަލް ކަމުގައެވެ.
ސްޓޮކްހަމްގެ ވިޔަފާރި ސަރަޙައްދެއްގައި އިއްޔެ ދެއެއްޗެއް ގޮއްވާލުމުގެ ސަބަބުން އެޤައުމަށް ސިހުން ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މިދެގޮވުންވެސް އިއްޔެ ގޮއްވާލާފައިވަނީ ޕާކުކޮށްފައިވާ ކާރެއްގައި ކަމަށާއި މއީ މީހަކު އަމިއްލައަށް މަރުވެގެންދިން ކާރުބޮމުގެ ޙަމަލާއެއް ކަމަށް ބެލެވޭ ކަމަށް ސްވިޑްންގެ ފުލުހުން ބުނެއެވެ.
މިގޮވުންތަކަށްފަހު ފެނުނު މަރުވެފައިވާ މީހެއްގެ ހަށިގަނޑަކީ މި ޙަމަލާ ތަންފީޒުކުރި ފަރާތް ކަމަށް ބެލެވޭކަމަށް ސްވިޑްންގެ ފުލުހުންނާ ޙަވަލާދީ އެޤައުމުގެ އެސް.ވީ.ޓީ ޓިވީ ޗެނެލް ޚަބަރުދެއެވެ. ސްޓޮކްހަމްގެ މެދުތެރޭގައި ހިނގި މިޙާދިޘާގައި އިތުރު ދެމީހަކު ޒަޚަމްވި ކަމަށާއި މިޙާދިޘާ ވަރަށް ރަނގަޅަށް ތަޙްޤީޤް ކުރަމުން ގެންދާ ކަމަށް ސްވިޑްންގެ ފުލުހުން ބުނެއެވެ.