ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ (އެންޔޫއެސް)ގެ "ވިޒިޓިން ޑިސްޓިންގުއިޝްޑް ފެލޯ"ގެ މަގާމް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދެއްވައިފި އެވެ.

ރައީސް ވަހީދު މިއަދު ހެނދުނު ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް ސިންގަޕޫރުގެ "ލީ ކްވާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ" (އެލްކޭވައި) އިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެ ފުރުސަތު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

"ޒިޔާރަތް ކުރަށްވާ ކަމުވޮށިގެންވާ ބޭފުޅުން" ނުވަތަ ޕްރޮފެސަރުން ފަދަ ބޭފުޅުންގެ މަގާމަކީ އާންމުގޮތެއްގައި ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގައި އެތަންތަނުގެ ދަރިވަރުންނާއި ތަނުގެ ހިންގުން ހަރުދަނާކުރުމާއި އެތަންތަނުން ހިންގާ ބޮޑެތި ދިރާސާތަކަށް އެފަދަ ބޭފުޅުންގެ ތަޖުރިބާ ހިއްސާކުރުން ފަދަ ކަންކަމުގައި ބޭނުންކުރާ މަގާމެކެވެ. އާންމު ގޮތެއްގައި މިފަދަ މަގާމުތަކަކީ މުސާރައެއް ކަނޑައަޅާފައި ހުންނަ މަގާމުތަކެއް ނޫނެވެ.



ވިޒިޓިން ޑިސްޓިންގުއިޝްޑް ފެލޯ އިން ޔުނިވާސިޓީ ތަކަށް އެގޮތަށް ކުރައްވާ ޒިޔާރަތްތަކުގައި އެތަންތަނުގައި މަތީ ތައުލީމު ހާސިލް ކުރަމުން ގެންދާ ކުދިންނަށް ތަގްރީރު ދެއްވުމާއި ގްރެޖުއޭޓް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ރިސާޗް ސްޓޫޑެންޓުންގެ ބަހުސު ތަކުގައި ބައިވެރިވެ ވަޑައިގަތުމާއި ފެކަލްޓީތަކުގެ ރިސާޗް ސްޓާފުންނަށް ލަފާއެރުވުމާއި އެކިއެކި ސެމިނާތަކުގައި މެހެމާނެއްގެ ގޮތުން ލެކްޗާތައް ދެއްވުން ފަދަ ތަޖުރިބާ ހިއްސާ ކުރެއްވުމުގެ މަސައްކަތްތައް ހިމެނެ އެވެ.

އާންމުގޮތެއްގައި ޔުނިވާސިޓީތަކުގައި މިފަދަ މަގާމުތަކަށް ހަމަޖައްސަނީ، އެގައުމު ނޫން އެހެން ގައުމެއްގެ، ކަމުވޮށިގެންވާ، ތައުލީމާއި ތަޖުރިބާގެ ގޮތުން އެތަންތަނަށް ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދެވޭފަދަ ބޭފުޅުންނެވެ.