އިސްތަންބޫލް (ޖަނަވަރީ 19): ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްޙައާ ބެހޭ މަހާސިންތާގައި ބައިވެރިވުމަށް ސޫރިޔާގެ އދިކޮޅު އިއްތިޙާދުން އެއްބަސްވެއްޖެ އެވެ.

ސޫރިޔާގެ އދިކޮޅު އިއްތިޙާދުން މިކަމަށް އެއްބަސްވެފައި ވަނީ ސުލްހައިގެ މަހާސިންތާގައި ބައިވެރިވުމަށް އެއިއްތިޙާދުގެ ކައުންސިލުގެ މެންބަރުންގެ އަޣްލަބިއްޔަތުން ނިންމުމާ ގުޅިގެންނެވެ. މިމަހުގެ 22 ގައި ޖެނީވާގައި ބާއްވާ ސޫރިޔާގެ ސުލްޙައިގެ މަހާސިންތާގައި ބައިވެރިވުމަށް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން ނިންމީ މިމައްސަލާގައި އެއިއްތިޙާދުގެ މެންބަރުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ގޮތެއްނިންމަން ދަތިވެފައި ވަނިކޮށެވެ.

މިމައްސަލާގައި ތުރުކީގެ އިސްތަންބޫލްގައި އިއްޔެ ބޭއްވި ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވި 75 މެންބަރުންގެ ތެރެއިން 58 މެންބަރުން ސުލްހައިގެ މަހާސިންތާގައި ބައިވެރިވުމަށް ތާއީދުކޮށް ވޯޓު ދެއްވުމާ އެކު އެއިއްތިޙާދުން މިހާރު ވަނީ ސުލްޙައިގެ މަހާސިންތާގައި ބައިވެރިވާނެކަން ރަސްމީ ގޮތުން އިޢްލާންކޮށް އެކަން ކަށަވަރުކޮށްދީފަ އެވެ.

މިއިޢްލާނާ އެކު ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ސުލްޙައިގެ މަހާސިންތާގައި ބައިވެރިވާ އެއިއްތިޙާދުގެ ވަފްދު އެކުލަވާލުމުގެ މަސައްކަތް ކަމަށާ މިގޮތުން ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ސުލްޙައިގެ މަހާސިންތާގައި ބައިވެރިކުރާނެ ކަމަށާ އެއިއްތިޙާދުން ބުނެ އެވެ. ސުލްހައިގެ މަހާސިންތާގައި ބައިވެރިވުމަށް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން ނިންމީ އެއިއްތިޙާދަށް ސިޔާސީ ގޮތުންނާއި މާލީ ގޮތުން އެންމެބޮޑު އެހީތެރިކަމެއް ދެމުންގެންދާ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ފިއްތުންތަކާ ގުޅިގެން ކަމަށްރިޕޯޓްތައް ބުނެ އެވެ.

މިގޮތުން ޖެނީވާގައި ބާއްވާ ސޫރިޔާގެ ސުލްޙައިގެ މަހާސިންތާގައި ބައިވެރި ނުވެއްޖެ ނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު، އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ސަރުކާރުތަކުން ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ ލީޑަރުން ދިން ކަމަށްވެ އެވެ. މިމަހުގެ 22 ގައި ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްޙައިގެ މަހާސިންތާއަކީ އެމެރިކާއާއި ރަޝިޔާއާ އިސްނަގައިގެން އދ.ގެ އެހީތެރިކަމާ އެކު ބާއްވާ ބައިނަލްއަޤްވާމީ މަހާސިންތާއެކެވެ. މިމަހާސިންތާގެ ބޭނުމަކީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި ސިޔާސީ ޙައްލެއް ގެނަސް ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކުރުމެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކުރިޔަށްދާ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ 130 ހާސް މީހުން މަރުވެ އެތައް ލައްކަ ބަޔަކު ޒަޚަމްވެ ނުކުޅެދޭ ހާލަތުގައިވާއިރު އެތަށް މިލިޔަން ބަޔަކު ވަނީ ގެދޮރުގެއްލި ރެފިއުޖީންނަށްވެފަ އެވެ. އަދި މިހަނގުރާމައިގެ ސަބަބުން ސޫރިޔާގެ އާބާދީގެ ތިންބައިކުޅައެއްބައި މީހުންވަނީ ޙާލުގައިޖެހި ހައިހޫނުކަމާއި ބަލިމަޑުކަމާއި އަނިޔާވެރިކަން ތަހައްމަލް ކުރަމުންނެވެ. ނަމަވެސް ސޫރިޔާގެ ސަރުކާރާ އެސަރުކާރު ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު އިއްތިޙާދާއި އެނޫން ހަނގުރާމަވެރި ޖަމާއަތްތަކުން ދުޝްމަންކަމާއި ގޮތްދޫނުކުރުމާއި އަނިޔާވެރިކަން އަދި ވެސް ކުރިޔަށްނެރެމުންދާތީ ސުލްޙައިގެ މަހާސިންތާއިން އެދެވޭ ނަތީޖާ އެއްނެރެވިދާނެކަމުގެ އުންމީދު ވަރަށް ކުޑަކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. (އަލްޖަޒީރާ)