ސްޕެނިޝް ލީގުގައި މިރޭ ރެއާލް ބެޓިސް އަތުން 5-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑް ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފި އެވެ.

ބެޓިސްގެ ދަނޑުގައި ކުޅު މިމެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިފަހަރުގެ ބެލަންޑޯ އެވޯޑް ހޯދި ޕޯޗްގީޒް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރެއާލްގެ ދެވަނަ ލަނޑު 25 ވަނަ މިނިޓުގައި ގެރެތު ބޭލް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޖަހައިދިނީ ފްރާން ފޯވާޑް ކަރިމް ބެންޒެމާ އެވެ. މި ލަނޑަކީ ބެންޒެމާ ރެއާލް އަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.

ރެއާލް އިން ކޮންޓްރޯލް ކުރަމުން ދިޔަ މެޗުގެ 62 ވަނަ މިނިޓުގައި ރެއާލްގެ ހަތަރު ވަނަ ލަނޑު އެންޖެލް ޑިމާރިއާ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑް ވަނީ ހުރިހާ މުބާރާތެއްގައި އެޓީމު ކުޅުނު މެޗުތަކުން ބަލިނުވެ 18 މެޗު ހަމަކޮށްފަ އެވެ. ރެއާލް އެންމެ ފަހުން މެޗަކުން ބަލިވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބާސާ އަތުންނެވެ.

ލަލީގާ ތާވަލަށް ބަލާއިރު 50 ޕޮއިންޓާއެކު ބާސާއަށް ތާވަލުގެ ކުރި ލިބެނީ ހަތަރު ލަނޑުގެ ތަފާތުން ނެވެ. އަދި 50 ޕޮއިންޓާއެކު ރެއާލް އަށް ތާވަލުގެ ދެވަނަ ލިބެނީ ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ތާވަލުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ އެންމެ ލަނޑެއްގެ ތަފާތުންނެވެ.

ލީގުގައި ރެއާލް 20 މެޗު ކުޅެފައިވާއިރު އެޓީމަށް ވުރެ އެއްމެޗު މަދުން ކުޅެފައިވާ ބާސާ އަދި އެތުލެޓިކޯ އާދީއްތަ ދުވަހު ނުކުންނާނީ ލެވެންޓޭ އަދި ސެވިއްޔާއާ ދެކޮޅަށެވެ.