18 Jan 2014, 22:44
މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ސާފު އަޣުލަބިއްޔަތު ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު 2462 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ސާފު އަޣުލަބިއްޔަތެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ފެންނަ ފެނުމުގައި މިދެންނެވި 2462 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ސާފު އަޣުލަބިއްޔަތެއް ލިބިގެންދާނެ. ޕާޓީގެ ފަރާތުން ވާދަ މިކުރަނީ 901 ގޮނޑިއަށް، ނުވަތަ 900 ގޮނޑިއަށް، އަޅުގަނޑުމެން ދެކޭ ގޮތުގައި އެ 900 ގޮނޑީގެ ތެރެއިން ރަނގަޅު 700 ގޮނޑި އިރާދަކުރެއްވިއްޔާ އެމްޑީޕީ އަށް ކާމިޔާބުވެގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އަދި ވިދާޅުވީ ރާއްޖޭގެ ބައި ގިނަ ބޮޑެތި ރަށްތައް އެމްޑީޕީއަށް ކާމިޔާބުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަދި ވެސް އެދެނީ އެމްޑީޕީގެ ވެރިކަމަކަށް ކަމަށެވެ.
".. ރާއްޖޭގެ ރައްޔިތުން އަދިވެސް އެދެނީ އެމްޑީޕީގެ ވެރިކަމަކަށް، މިރާއްޖޭގެ ކަންކަން އެމްޑީޕީގެ ފަލްސަފާއާއި އުސޫލުގައި ކުރިއަށް ދިއުމަށް، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދަންނަވަން އޮތީ މާޔޫސްވެ ނުލައްވާށޭ، އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އަޅުގަނޑުމެން ސަރުކާރު ހިންގުމާ ވެސް ހަވާލުވާނޭ،" ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރު ހިންގުމާ ވަރަށް އަވަހަށް ހަވާލުވާނެ ކަމަށް ވިދާޅުވީ ކޮން މާނައެއްގައިތޯ" ނޫސްވެރިއަކު ދެންނެވުމުން ނަޝީދު ވިދާޅުވީ "ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރެވޭ ކިތަންމެ ގޮތެއް އެބަވާ" ކަމަށެވެ.
".. ގާނޫނީ ގޮތުން މިއޮންނަނީ ރައްޔިތުންގެ އަޣުލަބިއްޔަތާ ތާއީދު ލިބުނީމާ ސަރުކާރެއް ހިންގަން ތިބުމަށް. ދެން އެނގިވަޑައިގަންނަވާނެ ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރެވޭނެ ކިތަންމެ ގޮތެއް އެބަވޭ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަން އެބަ ކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކައުންސިލްތަކުގެ ނަތީޖާ ނުކުތް ނަތީޖާއަކީ ދިވެހިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ނެރޭނެ ނަތީޖާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.