18 Jan 2014, 22:38
ސްޕެއިން މިޑްފީލްޑަރ ސަންޓިއަގޯ ކަޒޯލާގެ ދެ ލަނޑާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމް އަތުން 2-0 އިން ލީގު ލީޑާސް އާސެނަލް މޮޅުވިއިރު ކާޑިފް ސިޓީ އަތުން 4-2 އިން މެންޗެސްޓާ ސިޓީ ވެސް ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.
މި ނަތީޖާ ތަކާއެކު އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 22 މެޗު ކުޅެގެން 51 ޕޮއިންޓާ އެކު އެވެ. އަދި 22 މެޗު ކުޅެގެން 50 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އާސެނަލް އަތުން ބަލިވެ 19 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައި ފުލަމް އޮތްއިރު ކާޑިފް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް އާސެނަލްއިން ވަނީ ފުލަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފަ އެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ކަޒޯލާ ކާމިޔާބުކޮށްދިނީ މެޗުގެ 57 ވަނަ މިނިޓުގަ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ކަޒޯލާ ކާމިޔާބުކޮށްދިނީ 62 ވަނަ މިނިޓުގަ އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 14 ވަނަ މިނިޓުގައި ކާޑިފް ކޮޅަށް އެޑެން ޒެކޯ ޖަހައި ދިން ލަނޑާއެކު ސިޓީ ވަނީ މި ސީޒަންގައި އެޓީމު ކުޅުނު ހުރިހާ މުބާރާތެއްގައި 37 މެޗުން ޖުމުލަ 100 ލަނޑު ހަމަކޮށްފަ އެވެ. މިއީ ޕްރިމިއާ ލީގު ކްލަބެއް ސީޒަނެއްގައި އެންމެ އަވަހަށް 100 ލަނޑު ހަމަކުރަން މީގެ ކުރިން 13-2012 ސީޒަންގައި ޗެލްސީ ކުޅެފައިވާ 42 މެޗަށްވުރެ ފަސް މެޗު އަވަސް ރެކޯޑެކެވެ.
ސިޓީއިން ލަނޑެއްޖަހައި ކުރިހޯދި ނަމަވެސް ކާޑިފްގެ ކްރެއިގް ނޫނީ ވަނީ 29 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ސިޓީއަށް ދެވަނަ ފަހަރަށް މެޗުގެ ކުރިހޯދައިދިނީ 33 ވަނަ މިނިޓުގައި ޖީސަސް ނަވާޒް އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު 76 ވަނަ މިނިޓުގައި ޔާޔާ ޓޫރޭ ކާމިޔާބުކޮށްދިން އިރު 79 ވަނަ މިނިޓުގައި ސިޓީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯ އެވެ. ކާޑިފްގެ ދެވަނަ ލަނޑު މެޗުގެ ފަހު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެއިޒާ ކެމްބެލް އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސަންޑަލޭންޑާއި ސައުތެމްޕްޓަން ކުޅުނު މެޗު 2-2 އިން ވަނީ އެއްވަރު ވެފަ އެވެ. އަދި ސްޓޯކް ސިޓީ އަތުން 1-0 އިން ކްރިސްޓަލް ޕެލަސް މޮޅުވިއިރު ނޯވިޗް ސިޓީ ވަނީ ހަލް ސިޓީ އަތުން 1-0 އިން މޮޅުވެފަ އެވެ. ވެސްޓްހޭމްގެ ދަނޑުގައި އެޓީމު އަތުން ނިއުކާސަލް މޮޅުވީ 3-1 އިން ނެވެ.