ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި 49 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން، މިދިޔަ އަހަރުވެސް އެ މުބާރާތް ކާމިޔާބުކުރި މާލޭ ސްޕޯޓްސް ކްލަބު ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ހޯދީ ފައިނަލްގައި އެމްއެސް އެކަޑަމީއާ ވާދަކޮށް 149 ލަނޑުން ކުރި ހޯދައިގެންނެވެ.

ތިންދުވަހަށް ދެމިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ އިނިންގްސްގެ ކުޅުން ނިމުނު އިރު މާލޭ ސްޕޯޓްސް އިން ވަނީ 231 ލަނޑު ހަދައިފަ އެވެ. އެހެން ނަމަވެސް އެ އިނިންގްސްގައި މާލޭ ސްޕޯޓްސް އަށް ހުރިހައި ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ.

މާލޭ ސްޕޯޓްސް ކްލަބުގެ ދެވަނަ އިނިންގްސްގައި އަށް ކުޅުންތެރިން ނުބައިވެގެން 171 ލަނޑު ހެދިއެވެ. އަދި އެމްއެސް އެކަޑަމީއަށް އެޓީމުގެ ދެވަނަ އިނިންގްސް ފެށިއިރު މެޗު ކާމިޔާބުކުރުމަށް 321 ލަނޑު ހަދަން ޖެހެއެވެ. އެހެން ނަމަވެސް އެ ޓީމުގެ ހުރިހައި ކުޅުންތެރިން ނުބައިވެގެން އެ އިނިންގްސްގައި ހެދުނީ 156 ލަނޑެވެ.

ފައިނަލް މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 74 ލަނޑު ހެދި މުހައްމަދު ރިޝްވާނާއި 70 ލަނޑު ހެދި އަހްމަދު ހަސަން އެވެ. މެޗުގައި އެންމެ ރަނގަޅަށް އުކީ، މާލޭ ސްޕޯޓްސް އަށް 11 ވިކެޓް ނަގައިދިން މުހައްމަދު މަހަފޫޒާއި އެމްއެސް އަށް ނުވަ ވިކެޓް ނަގައިދިން މުހައްމަދު ސާފީ ސައީދު އެވެ.

ގައުމީ ކްރިކެޓް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މާލޭ ސްޕޯޓްސްގެ މުހައްމަދު ރިޝްވާން އެވެ. އަދި އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ އެ ކްލަބުގެ މުހައްމަދު މަހަފޫޒު އެވެ. މުބާރާތުގެ އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ އެމްއެސް އެކަޑަމީގެ މުހައްމަދު އައްޒާމް އެވެ. އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް އެމްއެސް އެކަޑަމީގެ މުހައްމަދު ސާފީ ސައީދު ހޮވުނު އިރު ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސްގެ މުހައްމަދު ރިޝްވާން އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށް ދެއްވީ، އޭސީސީ ޑިވެލޮޕްމަންޓް އޮފިސަރު ވެންކަޓަޕަތީ ރާޖޫ އެވެ.