18 Jan 2014, 15:35
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ކަމުގެ މަގާމަށް އެ އިދާރާގައި 11 އަހަރު ހިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ޝެމްޕޭން ވާދަކުރެއްވުގެ ނިޔަތެއް ގެންގުޅުއްވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ފީފާގެ މިހާރުގެ ރައީސް ފްރާންސްގެ ސެޕް ބްލެޓާގެ އަރިހުގައި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުން 2002 ވަނަ އަހަރާއި 2005 ވަނަ އަހަރާދު މަސައްކަތް ކުރެއްވުމަށްފަހު ފަހުން 2007 އިން ފެށިގެން 2010 ވަނަ އަހަރު ފީފާއިން ވަކިވެވަޑައިގަންނަވަންދެން ޝެމްޕޭން ހުންނެވީ ފީފާގެ ޑައިރެކްޓާ އޮފް އިންޓަނޭޝަނަލް ރިލޭޝަންސްގެ މަގާމުގަ އެވެ. އަދި އޭނާވަނީ އެނޫންވެސް މުހިއްމު އެތައް މަސައްކަތްތަކެއް ފީފާގައި ކުރައްވައިފަ އެވެ.
ސްވިޒަލެންޑްގެ ވެރިރަށް ޒިއުރިކްގައި 2015 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރައީސަކު ހޮވުމުގެ އިންތިހާބުގައި ފްރާންސްގެ ކުރީގެ ޑިޕްލޮމެޓް ކަންވެސް ކުރެއްވި ޝެމްޕެއިން ވާދަކުރައްވާނެކަން އިއުލާނުކުރަށްވާނޭ ކަމަށް ބެލެވެނީ އަންނަ ހޯމަދުވަހުގެރޭ ލަންޑަނުގައި ބާއްވާ ނިއުސް ކޮންފަރެންސްގަ އެވެ.
ފީފާގެ ރައީސްކަމުގެ މަގާމުގައި ހަތަރުވަނަ ދައުރު ގުނަމުން ގެންދަވާ އުމުރުން 77 އަހަރުގެ ބްލެޓާ ކުރިއަށް އޮތް ދައުރަށް ކުރިމަތިލައްވާނޭ ކަން އަދި މިހާތަނަށް ހާމަކުރަށްވައިފައެއް ނުއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ކުރިން އޭނާގެ ނިންމެވުން ހާމަކުރައްވާނޭ ކަމަށް ބްލެޓާވަނީ ވިދާޅުވެފަ އެވެ.
ފީފާގެ ރައީސްކަމަށް ވާދަކުރައްވާނޭ ކަމަށް ބެލެވޭ އަނެއް ކެންޑިޑޭޓަކީ، ޔުއެފާގެ ރައީސް މިޝޭލް ޕްލެޓީނީ އެވެ. އެހެން ނަމަވެސް ކުރީގެ ފްރާންސް މިޑްފީލްޑަރު ޕްލެޓީނީ ވެސް ފީފާގެ ރައީސްކަމަށް ވާދަކުރަށްވާނޭކަން އަދި ހާމަކުރައްވައިފައެއް ނުއެވެ.