18 Jan 2014, 15:28
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ފޮޓޯ އާންމު ކުރި މައްސަލަ ހޫނުވެއްޖެ އެވެ.
ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ފޮޓޯ އާންމު ކުރި މައްސަލަ ހޫނުވެގެން ދިޔައީ މިހާރު ބުރުގާ އަދި މޫނުބުރުގާ އަޅާފައި ތިބި މީހުންގެ ފޮޓޯ އާންމު ކުރުމާ ގުޅިގެންނެވެ.
އެފަދަ މީސްމީހުންގެ ފޮޓޯ އާންމު ކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން އަށް ހުށަހަޅާފައިވާ ޝަލުވާތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމްޕްލައިންސް ބިޔުރޯއިން ބުނީ ފޮޓޯ އާންމު ކުރުމާ ގުޅިގެން ދެ ޝަކުވާއެއް ލިޔުމުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފޯނުން ވެސް ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާ ކަމަށް އެ ބިޔުރޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުތަކުގައި ފޮޓޯ އާންމު ކުރުމާ ގުޅިގެން މިހާތަނަށް ދެ ޝަކުވާއެއް ލިޔުމުން ކޮމިޝަނަށް ލިބިފައިވޭ. އަދި ފޯނުން ވެސް ޝަކުވާތައް ލިބެމުން އެބައާދޭ،" ކޮމްޕްލެއިންސް ބިޔުރޯގެ އޮފިޝަލް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި އާންމުކޮށްފައިވާ ފޮޓޯތަކާ ބެހޭ ގޮތުން ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު މިއަދު ވިދާޅުވީ ލިސްޓްތަކުގައި ފޮޓޯ އާންމު ކުރި އިރު ބައެއް މީހުން ބުރުގާ އަދި މޫނު ބުރުގާ އަޅާފައިވާކަން ކޮމިޝަނަށް އެނިގިފައި ނުވާ ކަމަށެވެ. އަދި ކޮމިޝަން އިން އާންމުކޮށްފައި ވަނީ ޑީއެންއާރް އިން ކޮމިޝަނަށް ދީފައިވާ ފޮޓޯތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލި މަނިކު ވިދާޅުވީ ލިސްޓްތަކުގައި އާންމު ކޮށްފައިވާ ފޮޓޯތަކާ ގުޅިގެން ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ފޮޓޯތަކުގައި ހު ކަރުދާސް ކޮޅެއް ތަތް ކުރުމަށް ފަހު ނުފެންނަ ގޮތަށް ހަދަމުންދާ ކަމަށެވެ.
އަލި މަނިކު އިތުރަށް ވިދާޅުވީ ލިސްޓްތަކުގައި ފޮޓޯ ޖެހުމުގެ މަގުސަދަކީ ލިސްޓުތަކުގެ ސައްހަކަން ކަށަވަރު ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްތަކުގައި ފޮޓޯ ޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން އައިޑީ ކާޑުގައި ޖަހާފައިވާ ފޮޓޯ އަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އައިޑީކާޑު ޔުނިޓުން އެ ފޮޓޯއެއް ބަދަލު ކުރުމަށް އެދޭ ކަމަށް އަލި މަނިކު ވިދާޅުވި އެވެ.
މިއަދު ބައެއް އާންމުން ސަން އަށް ވެސް ގުޅައި މޫނު ނިވާކޮށްގެން އުޅޭ މީހުންގެ މޫނު ހާމަވާ ގޮތަށް ހުރި ފޮޓޯ އާއި އަދި އާންމު މީހުންގެ ހުރިހާ މައުލޫމާތަކެއް އާންމުކޮށްފައިވާ މައްސަލަ ބަލައިދިނުމަށް އެދުނެވެ.