މާލެއިން ތުރާކުނަށް ދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި "އެތެރެކުރި" މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެ ދަތުރުކުރާ ބޯޓަކުން ތުރާކުނަށް މަސްތުވާތަކެތި އެތެރެކުރަންއުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ތުރާކުނަށް ދިޔަ ބޯޓުން ގެންދިޔަ ޕާރުސަލަކާ ހަވާލުވާން އައުމުން އިހަވަންދޫ އާއި ހޯރަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު އޭނާ ހަވާލުވާން ދިޔަ ޕާރުސަލުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ދެ ބަނގުރާ ފުޅި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 30،000 ރުފިޔާ އަށް އަރާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.