ކޮނޑޭ، އާގެ، މޫސާ އީސާ، 70، ދާންދޫ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. ދާންދޫ މީހުންގެ ދެކެނީ އޭނާއަކީ އެ ރަށު މީހެއްގެ ގޮތުގަ އެވެ. މޫސާ ދާންދޫން ނުދަންނަ މީހަކު މަދުވާނެ އެވެ.

ނަމަވެސް އޭނަ އަށް ދާންދޫގައި ގާނޫނީ ހައިސިއްޔަތެއް ނެތެވެ. އޭނާއަކީ އެ ރަށުގެ ރަށްވެއްސެއް ނޫނެވެ. ނަމަވެސް ކޮނޑޭގައި ރަޖިސްޓްރީ އޮންނަ މޫސަ މިއަދު ދާންދު އަށް ބަސް ބުނެފި އެވެ. ކައުންސިލްގެ ގޮނޑިތަކަށް ކުރިމަތިލާފައި ތިބި ބަޔަކަށް ވޯޓު ދީފި އެވެ.

މޫސަ ވިދާޅުވި ގޮތުން އޭނާ ދާންދޫ ކައުންސިލަށް ވޯޓު ދެވުނީ އޮޅިގެނެވެ. ކަން ހިނގައިދިޔަ ގޮތް ހުވަދޫ ބަހުރުވައިން މޫސަ ސަން އަށް ކިޔައިދެ އެވެ.

"މަންނު އެނގެއްނެ ނޫން. އެތާ ތިބީ އިލެކްޝަނު މީހަނެ ދިނެ ކަރަދާހަކު މަ ފާހަގަ ޖެހޫ. މަން ފެނެނެ ރަނގަޅެ، މީހަންނަން ވޯޓު ދީފައި މަ މި ހޮއްޓޯ، [އިލެކްޝަންގެ އޮފިޝަލުން އަޅުގަނޑަށް ދިން ކަރުދާހެއްގައި އަޅުގަނޑު ވޯޓު ދިނީ. އެ މީހުން ދިން އެއްޗެއް މަށެއް އެހާ ބޮޑަކަށް ނުބަލަން. އަޅުގަނޑަށް ފެންނަ ރަނގަޅު މީހުނާ ދިމާލުގައި ފާހަގަ ޖަހައި ވޯޓުލާފައި އަހަރެން މި ހުރީ]،" ދާންދޫ ސްކޫލުގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮށީގެ ތެރެއިން ފޮއްޓަކަށް ވޯޓު ދިނުމަށް ފަހު މޫސަ ބުންޏެވެ.

ދާންދޫ ކައުންސިލަށް މޫސަ ވޯޓު ދިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް އެއްބަސްވެ އެވެ. ދާންދޫ އިލެކްޝަންސް ކޮމެޓީގެ އިސް އޮފިޝަލަކު ނަންހާމަނުކުރުމަށް ޝަރުތުކޮށް ބުނީ ދާންދޫގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ކޮނޑޭ މީހަކަށް ދާންދޫ ކައުންސިލްގެ ވޯޓު ކަރުދާސް ދެވުނީ އޮޅިގެން ކަމަށެވެ.

"ކަން ހިނގައިދިޔަ ގޮތަކީ ވޯޓު ކަރުދާސް ވެސް ދެވުނީ އޮޅިގެން. ވޯޓުލި މީހަކީ ވެސް މުސްކުޅިއެއް. އޭނާ ވެސް ނުބަލާ ފާހަގަ ޖަހާފަ ވޯޓުލީ،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ދާންދޫ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

މޫސަގެ ވޯޓުގެ މައްސަލަ ވަނީ އިލެކްޝްސް ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލާގައި އަމަލު ކުރަންވީ ވަކިގޮތެއްގެ އިރުޝާދެއް ދާންދު އިލެކްޝަންސް އޮފިޝަލުންނަށް އަދި ނުލިބެ އެވެ.