18 Jan 2014, 11:09
އދ. މަޖިލިސް (ޖަނަވަރީ 18): ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ދިމިޝްގުގެ ކައިރީގައިވާ ޣުޒްލާނިއްޔާ ސަރަހައްދަށް އެތަށް ޓަނެއްގެ ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީގެ ތަކެތި ގެންދެވިއްޖެކަން އދ. ން ހާމަކޮށްފި އެވެ.
އދ.ގެ ތަރްޖަމާނަކު ވިދާޅުވީ މިތަކެތި ދިމިޝްގުގެ ހުޅަނގު ދެކުނުގެ ޣުޒްލާނިއްޔާ ސަރަހައްދަށް ގެންދެވުނީ ސޫރިޔާ ސަރުކާރުގެ ހުއްދައާ އެކު އެ ގައުމުގެ ރެޑް ކްރެސެންޓް ޖަމާއަތުގެ އެހީތެރިކަމުގައި ކަމަށާ މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ އެސަރަހައްދުގައި ޙާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން ވިހި ހާސްމީހުންނަށް ކަމުގައެވެ. ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އެގައުމުގެ އުތުރުގެ ސަރަހައްދުތަކާއި ދިމިޝްގުގެ ވަށައިގެންވާ ރަށްފުށުގެ ސަރަހައްދުތަކުގައި ގާތްގަނޑަކަށް 3 މިލިޔަން މީހުން ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާކަމަށް އދ. ގެ "ވޯލްޑް ފުޑް ޕްރޮގްރާމް" އިން ބުނެއެވެ.
މީގެއިތުރުން ދިމިޝްގުގައި ހުންނަ ފަލަސްތީނުގެ އަލްޔަރްމޫކްރެފިއުޖީ އަވަށުގައިވެސް ގިނަބަޔަކު ގެންދަނީ ހައުހޫނުކަން ތަހައްމަލް ކުރަމުންނެވެ. އެއަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީންގެ 30 މީހަކު ދާދިފަހުންވަނީ ހައިހޫނުކަމުގައި މަރުވެސް ވެފައެވެ. ނަމަވެސް ހަނގުރާމައާއެކު އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގެ ސަބަބުން އެސަރަހައްދުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އދ. ން ބުނެއެވެ. ސޫރިޔާއިން އިއްޔެ ބުނެފައިވަނީ އަލްޔަރްމޫކް ރެފިއުޖީ އަވަށަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އދ. އަށް މިހާރު އެއްބާރުލުން ދޭންފަށާފައިވާ ކަމުގައެވެ.
ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިއަހަރު ބޭނުންވާ 6.5 ބިލިޔަން ޑޮލަރުގެ ތެރެއިން 2.4 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ގަލްފުގެ ޢަރަބި ގައުމުތަކުންނާއި ހުޅަނގުގެ ބައެއް ގައުމުތަކުން ދާދިފަހުންވަނީ ވައްދުވެފައެވެ. ނަމަވެސް މިއީ ސޫރިޔާގެ ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން އެންމެ 70 އިންސައްތަ ކަމަށާ އިތުރު ފައިސާ ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އދ. ން ބުނެއެވެ. (އަލްޖަޒީރާ)