18 Jan 2014, 10:53
ދޯންޏެއްގައި ގޮސް ށ. ފުނަދު އަށް އަރައި ވައްކަންކުރަން އުޅުނު ހަ މީހަކު ވަގަށް ނަގާފައިވާ ތަކެތި އަޅާފައި ހުރި ދެ ބަރޯއާ އެކު އެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ށ. މިލަންދޫ ހަ މީހަކު ދޯންޏެއްގައި ގޮސް އެ އަތޮޅު ފުނަދު އަށް އަރައި ވައްކަން ކުރަން އުޅެނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހަކާ 17 އަހަރުގެ ކުއްޖެކެވެ.
އެމީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާ ފިޔަވައި ދެން ތިބި އެންމެން ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އުމުރުން 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ފިލައިގެން އެރަށުތެރޭ އުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހުން އެ ރަށަށް ދިޔަ ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ހުރި ދެ ބަރޮލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.