ހއ. ދިއްދޫން ބޮއްކުރާއެއްގައި މަސްބާނަން ނިކުމެ އުޅެނިކޮށް ގެއްލުނު މީހާގެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް މައުލޫމާތުދެމުން ވިދާޅުވީ އެ މައްސަލަ ބަލަން ފަށާފައި ވަނީ އުމުރުން 39 އަހަރުގެ، ސ. ހިތަދޫ، ވިންސަމް، އަހުމަދު މުޖުތަބާ ގެއްލުނު ކަމުގެ ރިޕޯޓް ލިބުމުން ކަމަށާއި އޭނާ ފެންނަން ދެން އެ ތަހުގީގު ކުރިއަށްދާނެ ކަމަށެވެ.

ތަހުގީގުގައި ކުރެވެނީ މުޖުތަބާ ހޯދުމުގެ މަސައްކަތް އެކަނިތޯ ސުވާލުކުރުމުން ފުލުހުން ބުނީ އެމައްސަލާގައި ހިމެނޭ "އެހެނިހެން ކަންކަން ވެސް" ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މުޖުތަބާ ގެއްލުނު މައްސަލާގައި ގެއްލުނު ގޮތާ މެދު ސުވާލުތަކެއް އުފެދިފައި ވަނީ މުޖުތަބާ ބޭނުންކުރި ބޮއްކުރާ އެއްވެސް ގެއްލުމެއް ނެތި ދިއްދޫއާ 100 ވަރަކަށް މޭލު ބޭރުން ފެނުމުން ނެވެ.

މުޖުތަބާއާ އެކު މަސްބާނަން ނިކުމެފައި ވަނީ އުމުރުން 17 އަހަރުގެ ހުސެން އިރުފާދު އަދި ދިއްދޫ މީހަކާ އިނދެގެން އުޅޭ ސްރީ ލަންކާގެ ފިރިހެނެކެވެ. މުޖުތަބާ ބޮއްކުރައާ އެކު ގެއްލުނު އިރު، މިދެ މީހުން ވަނީ ފަތާފައި ދިއްދުއަށް އަރައިފަ އެވެ.

ހުސެން އިރުފާދު ބުނެފައި ވަނީ ބޮއްކުރާ ދިޔަވާން ފެށުމުން ފަތާފައި ރަށަށް ދިއުމަށް ނައްޓާލީ ކަމަށާއި ބޮއްކުރާ ދޫކޮށް ދާން މުޖުތަބާ ބޭނުން ނުވުމުން، އޭނާ ބޮއްކުރާގައި މަޑުކުރީ ކަމަށެވެ. އަދި އެންމެ ފަހުން ފެނުނީ ބޮއްކުރާ ބަންޑުން ޖަހާލާފައި ވަނިކޮށް މުޖުތަބާ ބޮއްކުރާގައި ހިފަހައްޓައިގެން އޮތް ތަން ކަމަށް އިރުފާދު ބުނެ އެވެ.

ނަމަވެސް ހއ. އިހަވަންދޫގެ މަސްދޯންޏަކަށް ބޮއްކުރާ ފެނުނު އިރު ބޮއްކުރާ އޮތީ ފެންމަތީގައި ރަނގަޅަށް ކަމަށާއި ބޮއްކުރާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅޭ "އެހެނިހެން ކަންކަން" ވެސް ތަހުގީގުކުރަމުންދާތީވެ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.